ރާއްޖޭގެ ލައިފް އެކްސްޕެކްޓެންސީ، ދިވެއްސެއް ދިރިހުންނާނެ ކަމުގެ އެވްރެޖް އުމުރު 80 އަހަރަށް މަތި ކުރެވިފައިވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ވޯލްޑް ހެލްތު ޑޭ ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ނަސީމް ވިދާޅުވީ ސަރުކާރުން ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާގެ ސަބަބުން ދިވެއްސަކު ދިރިހުންނާނެ ކަމުގެ އެވްރެޖް އުމުރު ވަރަށް ބޮޑުތަނުން މަތި ކުރެވި، ޅަފަތުގައި ކުދިން މަރުވާ އަދަދާއި ވިހެއުމުގެ ތެރޭގައި މައިން މަރުވާ އަދަދުވެސް މަދު ކުރެވިފައިވާ ކަމަށެވެ.
"ސަރުކާރާއި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ ހިއްވަރާއެކު ކުރަމުން އައި، މަސައްކަތްތަކުގެ އާހިރު ނަތީޖާ ވަރަށްވެސް ފޮނި. 60 ގެ އަހަރުތަކުގައި ދިވެއްސެއް ދިރިހުންނާނެ ކަމުގެ އެވްރެޖް އުމުރަކީ 39 އަހަރު. އެ އަދަދު މިހާރު ހުރީ 80 އަހަރަށް މަތި ކުރެވިފަ. ޅަފަތުގައި ކުދިން މަރުވާ ނިސްބަތާއި ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް މިވަނީ ކުޑަކުރެވިފަ. އެކަށީގެންވާ ސިއްހީ ފަރުވާއާއި ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމުކުރެވި، ސިއްހީ ހިދުމަތަށް އަމިއްލަ ޖީބުން ބޮޑެތި ހޭދަތައް ނުކޮށް ސޯޝަލް ހެލްތު އިންޝޫރެންސްގެ ނިޒާމުގެ ތެރެއިން، މި ހިދުމަތްތައް ލިބޭގޮތަށް ވަނީ ހަމަޖެހިފަ" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ރާއްޖެއިން ވަނީ މައިންނާއި ތުއްތު ކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބެލި ނަމަވެސް ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ. ނަސީމް ވިދާޅުވީ ވެކްސިންގެ ޒަރިއްޔާއިން ރައްކާތެރިކަން ލިބޭ ބަލިތައް ރާއްޖޭގައި ވަނީ ކޮންޓްރޯކް ކުރެވިފައި ކަމަށާއި ބައެއް ބަލިތައް ވަނީ އެއްކޮށް ނައްތާލެވިފައި ކަމަށެވެ.
ރާއްޖެއަކީ ބަނޑުގައިވާ ދަރިފުޅަށް، މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް ޖެހުމުގެ ފުރުސަތު ނެތް ގައުމެއްގޮތުގައި ކަނޑައަޅާފައިކަމަށް ނަސީމު ވިދާޅުވިއެވެ.
ޕްރައިމަރީ ހެލްތުކެއާ ބައްޓަން ވެގެންދާއިރު ޔަގީންވާނެ އެއްކަމަކީ ސިއްހީ ހިދުމަތް ދިނުމުގައި ބައިވެރިވާ ހޮސްޕިޓަލްތަކާއި، ހެލްތް ސެންޓަރު ތަކަށް ހަމައެކަނި ބަރޯސާ ވެގެން ނަތީޖާ ހާސިލު ކުރެވެން ނެތުންކަމަށް ނަސީމް ވިދާޅުވިއެވެ. މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން ގާއިމުކުރުމަށް މަސައްކަތް ކުރާ އިރު އިޖްތިމާއީ އެހެން ހިދުމަތްތެރީންނާއިއެކު މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.
ފާއިތުވީ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ތަސައްވަރު ކުރި ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ބަލިކަށިވެ ނިކަމެތި ވެފައިވާކަމަށް ނަސީމް ވިދާޅުވިއެވެ. އެހެންކަމުން ކުރިން ކަމިޔާބު ކުރި ޕްރައިމަރީ ހެލްތު ކެއާގެ އުސޫލުތައް އަލުން ދިރުވައި ހަރުދަނާ ކުރުމަށް މި ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް ނަސީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު