ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2023، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ބައްލަވައިލައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ސަލްޓަން ޕާކުގައި މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ އެ އެގްޒިބިޝަންއަށް ރައީސްގެ ދެކަނބަލުން ކުރެއްވި ޒިޔާރަތުގައި އެގްޒިބިޝަންގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އިންޓަނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖު ކުރިޔަށްދާގޮތް ބައްލަވާލެއްވި ކަމަށެވެ.

އެފްއެޗްއޭއެމްގެ މިއަހަރުގެ އެގްޒިބިޝަންގައި ހޮސްޕިޓާލިޓީ ދާއިރާއާ ގުޅުންހުރި ގިނަ އަދަދެއްގެ ބޭރުގެ ވިޔަފާރިތަކުން ބައިވެރިވެފައިވާ އިރު، ރާއްޖެ އާއި ބޭރުގެ ޖުމްލަ 50 ކުންފުންޏެއްގެ 110 ސްޓޯލް ބަހައްޓާފައިވެއެވެ.

މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާތަކުން ޖުމްލަ 500 އަށްވުރެ ގިނަ ޝެފުން ބައިވެރިވެއެވެ. މިއަހަރު 120 ރިސޯޓަކުން 21 ކެޓަގަރީއެއްގައި ބައިވެރިން ވާދަކުރާ އިރު އޭގެ ތެރޭގައި 11 ގައުމެއްގެ ޓީމުތައް ހިމެނެއެވެ.