ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުތަކަށް، އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އިންކާރުކޮށްފިއެވެ.
މަންޑޭގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޭ ޕާކު ޕްރޮޖެކްޓަކީ ހަންބޯ ކޮރެއާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓުގެ ތަންފީޒުކުރުމަށްޓަކައި ލޯކަލް އެޖެންޓެއްގެ ގޮތުގައި އޭނާ، ހަންބޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުފައްދާފައިވާ ކަމަށެވެ.
ހަންބޯ މޯލްޑިވްސްގެ 95 ޕަސަންޓް ހިއްސާގެ ވެރިއަކީ ޖިން ޝީ ހޫ ކަމަށާއި އޭނާއަށް އެހާވަރުގެ ހިއްސާއެއް ކުންފުނިން ދިނީ ޝަރުތުތަކެއް ކުރުމަށްފަހު ކަމަށެވެ. ނަމަވެސް ޖިން ޝީ ހޫގެ ފަރާތުން އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަ ކޮށްފައިނުވާ ކަމަށް މަންޑޭ ބުންޏެވެ.
ކޭ ޕާކު ޕްރޮޖެކްޓުގެ ވެރިފަރާތުގެ ހައިސިއްޔަތުން ހަންބޯ ކޮރެއާއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ބައެއް ކަންކަން ކުރުމުގެ ބާރު ހަންބޯ މޯލްޑިވްސްއަށް ލިބިފައިވާނެ ކަމަށާއި އެބާރަކީ ހަންބޯ ކޮރެއާގެ ބޯޑުގެ ރެޒޮލިއުޝަނަކުން އަނބުރާ ގެންދެވޭ ގޮތަށް ދީފައިވާ ބާރެއް ކަމަށް މަންޑޭ ބުންޏެވެ.
"އެގޮތުން ދީފައިވާ ބާރުތަކުގެ ތެރޭގައި ޕްރޮޖެކްޓުގެ ދަށުން ވިއްކާ އެޕާޓްމެންޓުތަކުން ލިބޭ ފައިސާ ބަލައިގަތުމުގެ ބާރު ދީފައިވީނަމަވެސް، އެ ފައިސާއަކީ ހަންބޯ ކޮރެއާގެ ފައިސާކަމާއި އެ ފައިސާއަކީ އެއްވެސް ހާލަތެއްގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ފައިސާއެއް ނޫނެވެ. ޖިން ޝީ ހޫ ނުވަތަ ލޯކަލް އެޖެންޓަށް ލިބޭނީ ހަންބޯ ކޮރެއާ އާއެކުވެފައިވާ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ނުވަތަ ކޮށްފައިވާ މަސައްކަތުގެ އަގަށް ލިބެންޖެހޭ ފައިސާ އެކަންޏެވެ،" މަންޑޭ ބުންޏެވެ.
"އެގޮތުން ޕްރޮޖެކްޓުގެ ދިވެހިރާއްޖޭގެ ލޯކަލް އެޖެންޓް ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބަޔާންކުރާ މައްސަލައަކީ، ހަގީގަތުގައި 95 ހިއްސާދާރު، އަޅުގަނޑުމެންގެ އޮފީހުގައި ބައިތިއްބާފައި ތިބި އޭނާގެ އެކައުންޓެންޓުންނާ ގުޅިގެން ޕްރޮޖެކްޓުގެ އެޕާޓްމެންޓުތައް ވިއްކުމުން ލިބޭ ފައިސާ ނެގުމަށްފަހު، ރާއްޖެއިން ފިލުމަށް ކުރަމުން ދިޔަ މަސައްކަތަށް އަޅުގަނޑު އެއްބަސްނުވުމުން ދިމާވެފައިވާ މައްސަލައެއް"
މަންޑޭ ބުނީ ޝީ ޖިން ހޫ ގެ 95 ހިއްސާގެ ތެރެއިން އެއް ޕަސަންޓް ހިއްސާ ކޭ ޕާކުގެ ސައިޓުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތެއް ކަމަށްވާ ވޫ ޒީއަށް ޓްރާންސްފާކޮށްފައިވާ ކަމަށެވެ. އަދި ބުނީ ކޭ ޕާކް ސައިޓުގައި ބިއްލޫރި މަސައްކަތްތަކެއް ކުރުމަށް ޖިން ޝީ ހޫގެ ފަރާތުން ނެގި ދިވެހި ކޮންޓްރެކްޓަރެއް ކުންފުނީގެ ބޯޑަށް ނެގުމަށް ވެސް ޖިން ޝި ހޫ ބޭނުންވި ކަމަށެވެ.
"ދެ ޑައިރެކްޓަރުން ތިބި ބޯޑަކަށް ތިން ޑައިރެކްޓަރުން އައްޔަންކޮށް، ކޯރަމް ދެ ޑައިރެކްޓަރުންގެ މައްޗަށް ބަދަލުކުރުމަށް މި ހުށަހެޅި ހުށަހެޅުމުން ޖިން ޝިހޫގެ ހަގީގީ މަގުސަދަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގި ހާމަވެގެންދޭ. އެހެން ނަމަވެސް، ޑޮކިއުމެންޓްގައި ސޮއިކުރުމަށް އަޅުގަނޑު އިންކާރުކޮށް، ދެކޮޅު ހެދުމުން އެ މީހުންގެ އަމާޒަކަށްވީ އަޅުގަނޑުގެ އަބުރު ކަތިލައި ނުބައި ރޭވުމެއްގެ ދަށުން ހަންބޯ މޯލްޑިވްސް އިން އަޅުގަނޑު ބޭރުކޮށްލުމަށް ފަހު ލާރިކޮޅު ހިފައިގެން ފިލުން ކަމާ މެދު ޝައްކެއް ނެތެވެ،" މަންޑޭ ބުންޏެވެ.
ކޭ ޕާކް މައްސަލައިގައި މިހާރު ހިނގަމުންދާ މައްސަލައަށް އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި މިހާރުވެސް މަސައްކަތް ކުރަމުން ދަނީ ކޭ ޕާކުން އެޕާޓްމެންޓްތައް ގަނެފައިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރަން ކަމަށެވެ.
ކޭ ޕާކް ރެޒިޑެންސް ތަރައްގީކޮށްފައި ވަނީ ޖިން ޝީ ހޫ އަދި އޭނާގެ ހަންބޯ ކޮރެއާ ކުންފުނިން ނޫން ކަމަށާއި އެތަން ތަރައްގީކުރުމަށް ހަރަދުކޮށްފައިވަނީ އެޕާޓުމެންޓް ވިއްކައިގެން ލިބުނު ފައިސާއިން ކަމަށް މަންޑޭ ބުންޏެވެ.
ކޭ ޕާކް ޕްރޮޖެކްޓަށް ޖިން ޝީ ހޫ ކޮށްފައިވާ ކަންކަމަށް، އޭނާ ހަންބޯ މޯލްޑިވްސްއިން ފައިސާ ނަގާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި މިދިޔަ ހަތް އަހަރު ދުވަހު ކޭ ޕާކު ރެޒިޑެންސްގެ ޕާފޯމެންސް ސެކިއުރެޓީ އެޗްޑީސީއަށް ހުށަހަޅާފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
"ކޭ ޕާކް ރެޒިޑެންސްއަށް ޖިން ޝީ ހޫ ނުވަޔަ އޭނާގެ އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ގާނޫނީ ބާރެއް ނޯންނާނެ" މަންޑޭ ބުންޏެވެ.
މަންޑޭ އޭނާގެ ފަރާތުން ބަޔާނެއް ނެރެ ތުހުމަތުތަކަށް އިންކާރުކޮށްފައިވާ އިރު، ފުލުހުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. ފުލުހުން ކޭ ޕާކުގެ މައްސަލަ ބަލަން ފަށާފައިވާ އިރު، މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ ކޭ ޕާކުން އެޕާޓުމެންޓުގެ ގަތް މީހުން ޝަކުވާ ހުށަހެޅުމަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު