ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެ 2022 ވަނަ އަހަރުގެ އޭޕްރީލްމަހު ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތެއް ހުއްޓުވައި ފޯރިމަރަން ނުކުތް ފުލުހުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަމުރު ކުރީ ގާނޫނާ ހިލާފަށްކަމަށް ބުނެ އެ އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.

އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ހިންގި އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށޫން ފުލުހުން ވަނީ ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެއްސާއި ޕީޕީއެމްގެ އޮފީސް ހ. ހުރަފަގޭގެ އިތުރުން އެހެން ބައެއް ގޭގެއަށް ވަދެ އެ އިމާރާތްތަކުގެ ބޭރުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ ނަގައިފައެވެ.

އެ އޮޕަރޭޝަނުގައި ހަރަކާތްތެރިި ހުރިހާ ފުލުހުންނާއި، އޮޕަރޭޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކޮމާންޑަރާ ބެހޭ މައުލޫމާތުތައް ހިމެނޭގޮތަށް އެ އޮޕަރޭޝަނާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދުމަށް އަމިއްލަ ފަރާތަކުން ހުށަހެޅިއެވެ.

އޭގެ ތެރެއިން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް އޮފީހުން ނެރުނު ގަރާރަށް ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތާއި އެގަރާރުގެ އިތުރުން، އެހަރަކާތް ހުއްޓުވުމަށް ލިޔުމުން، ރައީސް އޮފީހުން އަންގާފައިވާ ނަމަ އެލިޔުމުގެ މައުލޫމާތު ފުލުހުން ހާމަކުރިއެވެ. ނަމަސް އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު ހާމަ ކުރުމަށް އިންކާރު ކުރިއެވެ.

އެކަމާ ގުޅިގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮކޭޝަން ކޮމިޝަނާ މެދުވެރިކޮށް އެ މައުލޫމާތު ހޯދުމަށް އައިކޮމްއަށް އެފަރާތުން ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު ތިން ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހާމަ ކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ފުލުހުންގެ މައްޗަށް އަމުރުކުރިއެވެ.

އެ މައްސަލަ ފުހުންގެ ފަރާތުން ހައިކޯޓަށް ހުށަހަޅައި، ހައިކޯޓުން މައްސަލަ ނިމެންދެން އިންފޮމޭޝަން ކޮމިޝަނަރު ކުރެއްވި އަމުރަށް އަމަލު ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދުނެވެ. އެހެންކަމުން މިއަދު އެ މައްސަލައިގެ ހުކުމް އިއްވަންދެން އަމުރު ތަންފީޒު ކުރަށް ހައިކޯޓުން އޮތީ ވަގުތީ އަމުރެއް ނެރެފައެވެ.

އެ މައްސަލަ ބަލައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، މީސްމީހުންގެ ޒާތީ މައުލޫމާތު ހާމަކުރަން އެންގޭނީ އާންމު މަސްލަހަތު ހިމެނޭ ހާލަތްތަކުގައި ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާކަމަށެވެ. އެހެންކަމުން ވަކިވަކި ފުލުހުންގެ މައުލޫމާތަކީ ޒާތީ މައުލޫމާތުތަކެއް ކަމަށާއި، ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ކުރާ ކަންކަމާ ގުޅިގެން ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އެކަމުގެ ސަބަބުން ވަކިވަކި ފުލުހުންގެ ފުރާނައަށް ނުރައްކާ ވެ، އާންމު މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން މި މައުލޫމާތު މައްސަލަ ހުށަހެޅި ފަރާތަށް ރަސްމީ ތިން ދުވަހުގެ ތެރޭގައި ދޫކުރުމަށް އެންގުމަކީ ގާނޫނާ އެއްގޮތަށް އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމެއް ނޫން ކަމަށްވެސް ހުކުމުގައިވެއެވެ. އެހެންކަމުން މައްސަލައިގެ އެބައި ހައކޯޓުން ވަނީ ބާތިލްކޮށްފައެވެ.