މިއަހަރުގެ ފުރަތަމަ ތިންމަހު ގްރީން ޓެކުހަށް 298 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ މިއަހަރުގެ މާޗް މަހުގެ ގްރީން ފަންޑުގެ ރިޕޯޓުން ދައްކާ ގޮތުން މާޗް މަހު ގްރީން ޓެކުހަށް 105 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ފެބްރުއަރީ މަހު ގްރީން ޓެކުހަށް 91 މިލިއަން ރުފިޔާ ލިބިފައިވާއިރު ޖެނުއަރީ މަހު 100 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެ ތިން މަހުގެ ޖުމްލަ 298,087,788.6ރ އަށް އަރާއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 5.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މާޗް މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރިސޯޓުތަކުން ގްރީން ޓެކުހަށް 95.2 މިލިއަން ރުފިޔާ ލިބިފައިވާއިރު ހޮޓާތަކުން 1.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގެސްޓްހައުސްތަކުން 6.1 މިލިއަން ރުފިޔާ ލިބިފައިވާ އިރު ސަފާރީތަކުން 2.6 މިލިއަން ރުފިޔާ އަދި ހޯމްސްޓޭ ތަކުން 4،097.9ރ ލިބިފައިވެ އެވެ.
މާޗް މަހު އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުންނެވެ. އެގޮތުން މާލެއިން 1.2 މިލިއަން ރުފިޔާ ދައްކާފައިވާ އިރު، އަތޮޅުގެ އެހެން ރަށްތަކުން 35.7 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. މި ލިސްޓުގައި ދެން އެންމެ ކުރީގައި އުޅޭ ރ. އަތޮޅުން 10.4 މިިލިއަން ދެއްކި އިރު، އދ. އަތޮޅުން 9.6 މިލިއަން ރުފިޔާ އަދި ނ. އަތޮޅުން 9.1 މިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ.
މާޗް މަހު ގްރީން ފަންޑުން ހަރަދުކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ބަނދަރުގެ މަޝްރޫއުތައް ފަދަ މުހިންމު މަޝްރޫއުތަކެއް ހިމެނޭހެން ޖުމުލަ 37 މަޝްރޫއަކަށް ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. މި މަޝްރޫއުތަކަށް މާޗް މަހު 77.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މާޗް މަހު ގްރީން ޓެކުހުގެ އާމްދަނީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށެވެ. އެއީ 13 މިލިއަން ރުފިޔާ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މާޗްގެ ނިޔަލަށް ގްރީން ފަންޑުގައި ބާކީ ހުރީ 854.1 މިލިއަން ރުފިޔާ އެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.