ޓިކްޓޮކްގެ މަގުބޫލުކަން ބޮޑުވުމާ ގުޅިގެން، ވިޔަފާރީގެ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބޭ ފަރާތަކީ ފޭސްބުކް އަދި އިންސްޓަގްރާމް އެވެ. އެހެން ކަމުން ޓިކްޓޮކްއާ ވާދަކުރުމަށް އިންސްޓަގްރާމްގެ ރީލްސް ވަނީ މީގެ ދުވަސްތަކެއް ކުރިން ތައާރަފު ކޮށްފައެވެ. އެހެން ނަމަވެސް މާ ބޮޑު ކާމިޔާބެއް ނުލިބެއެވެ.
ޓިކްޓޮކް އެމެރިކާގައި މަނާ ކުރުމުގެ ފަހަތުގައި ވެސް އޮތީ ފޭސްބުކްގެ ނުފޫޒް ކަމަށް ބުނަމުން އަންނަ ދަނޑިވަޅެއްގައި ޓިކްޓޮކްގެ ވާދަވެރިޔާ ރީލްސްއަށް އަނެއްކާވެސް މިވަނީ މުޅިން އާ ގިނަ ފީޗާތަކެއް އިތުރު ކޮށްފައެވެ. އެގޮތުން ވީޑިއޯ އެޑިޓްކޮށް ޓްރެންޑިން ކޮންޓެންޓް ހޯދުމުގެ އާ ގޮތެއް ވެސް ވަނީ ހިމަނާފައެވެ. އެންމެ ބޮޑު ބަދަލަކީ ވީޑިއޯ އެޑިޓިން ޕްރޮސެސް އަށް ގެނައި ބޮޑު ބަދަލެވެ. މިހާރު އަޕްލޯޑް ކޮށްފައިވާ ވީޑިއޯ ކްލިޕްތަކާއި އޯޑިއޯ އާއި ސްޓިކާ އަދި ލިޔުންތައްވެސް ހުރިހާ އެއްޗެއް އެއް ސްކްރީނެއްގައި ޓްވީކް ކުރެވޭނެ އެވެ. ވާދަވެރި ޓިކްޓޮކްގައި ހުންނަ ޓައިމްލައިން އެޑިޓިން ފީޗާވެސް މިހާރު ވަނީ ރީލްސްގައި ހިމަނާފައެވެ. މިއީ އޯޑިއޯ އަދި ވީޑިއޯ ކްލިޕްތައް އަތުރާއިރު ފަސޭހަވެ އިތުރަށް އެހީތެރިވެދޭ އަދި ޓްރާންސިޝަންތައް އޮމާންކޮށްދޭ ފީޗާއެކެވެ.
ޓިކްޓޮކްގެ އެންމެ ފުރިހަމަ ކަމަކީ އުފައްދާ ވީޑިއޯތައް ވައިރަލް ވެގެންދާ ގޮތެވެ. ނުވަތަ ގިނަ ބަޔަކަށް އެ ވީޑިއޯތައް ފެންނަ ގޮތަށް ޓިކްޓޮކްގެ އަލްގޯރިދަމް ފުރިހަމަ ކޮށްފައިވާ ގޮތާއި އޭގެ ސަބަބުން ޓިކްޓޮކް އަކީ އިންސްޓަގްރާމްގެ ރީލްސް އަށްވުރެ ފަސޭއިން އެ ބޭނުންކުރާ ފަރާތްތަކަށް ޓްރެންޑިން ވީޑިއޯތައް ހޯދޭ ގޮތަށް ފަރުމާ ކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި ހުރިހާ ކަމެއް އިންސްޓަގުރާމް އިން މިހާރު އެ އަންނަނީ ކޮޕީ ކުރަމުންނެވެ. ރީލްސް ބޭނުން ކޮށްގެން އުފައްދާ އެކިއެކި ވީޑިއޯތައް ފަސޭހަކަމާ އެކު ޓިކްޓޮކް ގޮތަށް ވައިރަލް ނުކުރެވޭތީ ދިމާވާ މައްސަލައަށް ވެސް މިފަހަރު މި ގެނެވުމުން ބަދަލާ އެކު ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށް ބުނެއެވެ.
މިހާތަނަށް އައިއިރުވެސް އިންސްޓަގުރާމްގެ ރީލްސްގައި މީހުން ޕޯސްޓުކުރާ އެކިއެކި ވީޑިއޯތައް ޓްރެންޑް ވެފައިވާ ހޭޝްޓެގްތަކާއި ލަވަތަކާއި އެ ވަކި އޯޑިއޯ ބޭނުންކުރާ ވީޑިއޯތަކުގެ އަދަދު ވެސް ޓިކްޓޮކާ އަޅައި ކިޔާއިރު ވަރަށްވެސް މަދެވެ. އެހެން ކަމުން މިފަހަރު މި ގެނެވުމުން ބޮޑު ބަދަލާ އެކު އެކަން ހައްލުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަމިއްލަ އަޑުން ވީޑިއޯތަކަށް އަޑު އެޅުމާއި ފަސޭހައިން އެ އަޑުތައް ފަހަށް ރައްކާކުރެވި ނުވަތަ ސީދާ އަމިއްލަ ވީޑިއޯތަކަށް އެ އަޑުތައް ބޭނުންވާ ގޮތަށް އަތުރާލެވޭނެއެވެ. ވީޑިއޯ ހަދާ މީހުންނަށް އެމީހުންގެ ކޮންޓެންޓްގެ ޕާފޯމަންސް ތަހުލީލުކޮށް އެ ވީޑިއޯ ބަލާ މީހުންގެ ކޮމެންޓްތައް ކޮށްފައިވާ ގޮތާއި ލައިކްސް ދީފައިވާ ގޮތްވެސް ފަސޭހައިން އެނަލިޓިކްސް ޑޭޝްބޯޑުން ބަލައިލެވޭނެއެވެ. އާ ރީޕްލޭތައް ހިމެނޭ ގޮތަށް ރީލެއް ބަލަން ހޭދަކުރި ޖުމްލަ ވަގުތުގެ އިތުރުން ވީޑިއޯ ބަލާ ވަގުތުވެސް އެނގޭނެ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ރީލް ވީޑިއޯއެއް މެދުވެރިކޮށް އާ ފޮލޯވަރަކަށް އެމީހުން ފެނުމުން އެކަން ވެސް މިހާރު ބެލޭނެއެވެ.