Close
ޚަބަރު

ދެކުނު އޭޝިއާއިން އެންމެ ބާރަށް ކުރިއަރާނީ ރާއްޖެ، ކުރިއަށް އޮތްތާވެސް އިގުތިސާދު ވަރުގަދަވާނެ: ވޯލްޑް ބޭންކް

ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖެއިން އިގުތިސާދީ ވަރުގަދަ ނަންބަރުތަކެއް ދަމަހައްޓާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ރާއްޖޭގެ އިގުތިސާދު ދިރާސާކުރުމަށްފަހު ބައިނަލްއަގުވާމީ މާލީ އިދާރާއިން މިދިޔަ މަހު އާންމުކުރި މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ)ގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދިއުމުގެ ސަބަބުން އެހެނިހެން ސިނާއަތަކަށްވެސް އޭގެ ހެޔޮ އަސަރު ކުރަމުން އަންނަ ކަމަށެވެ. އަދި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށާއި ފަތުރުވެރިކަން ކޮވިޑުގެ ކުރިން އޮތް މިންވަރަށް މި އަހަރު ރުޖޫއަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި އަހަރަށް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރަށް ކުޑަކޮށް ދަށްވި ނަމަވެސް، ދެކުނު އޭޝިއާގެ އިގުތިސާދުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގުތިސާދަކީ ރާއްޖޭގެ އިގުތިސާދެވެ.

އަދި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 7.1 ޕަސެންޓަށް އިތުރުވެ، 1.8 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ފަތުރުވެރިކަމުގެ ރަނގަޅު ނަތީޖާގެ ސަބަބުން މެދުރާސްތާގައި ރާއްޖޭގެ އިގުތިސާދު އެވްރެޖުކޮށް ހަ ޕަސެންޓް ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނީ ކޮވިޑުގެ ކުރީގައި ހުރިވަރާ ގާތްގަނޑަކަށް އެއް ވަރަށް ރާއްޖޭގެ ޓޫރިޒަމް މިހާރުވެސް ކުރިއަރާފައިވާ ކަމަށެވެ. އޭގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ މަތިވެ، ފަގީރުންގެ ނިސްބަތްވެސް މިހާރު ކުޑަކުރެވިފައިވާ ކަމަށާއި ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި ހުރި މިންވަރުވެސް 106 ޕަސެންޓަށް މިއަހަރު ދަށްވެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އިގުތިސާދީ ދުވެލި ރަނގަޅު ނަމަވެސް ރާއްޖެއަށް އަދިވެސް ގޮންޖެހުންތަކެއް ހުރިކަން ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ޖީއެސްޓީ ނަގާ މިންވަރު އިތުރުކުރި ނަމަވެސް ސަރުކާރުން ސަބްސިޑީއަށް ގެންނަށް ބަޖެޓުގައި ހިމެނި ބަދަލުތައް މި އަހަރު ތަންފީޒު ނުކުރެވިއްޖެ ނަމަ މި އަހަރުވެސް ސަބްސިޑީއަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އަދި މުސާރައިގެ އޮނިގަނޑުތަކަށް ގެނައި ބަދަލުތަކާއެކު ސަރުކާރުގެ ރިކަރަންޓް ހަރަދުވެސް އިތުރުވާނެ ކަމަށާއި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ބުރަ ލޯނުތައް ނަގަމުން ދިއުމަކީވެސް ކަންބޮޑުވުމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.