ދިވެހި ސާފިން ލީގުގެ ދެވަނަ މުބަރާތް، މުލީކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފިއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް ސާފިންގެ އިވެންޓްތައް މިއަހަރުވެސް ކާމިޔާބުކަމާ އެކު ކުރިއަށްދާ އިރު، މ. މުލީގައި މިއަދު ނިމުނު އިވެންޓަކީ ސާފިން އިވެންޓްގެ ދެވަނަ އިވެންޓެވެ. މި އަހަރުވެސް ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ސާފިން ލީގު ކުރިއަށް ގެންދަން އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ.
މި އަހަރު ފުރަތަމަ އިވެންޓް ގދ. ގައްދޫ، "ކަޅެގަލެކޮޑާ" 2023، ފެބްރުއަރީ މަހު ނިންމާލި އިރު، އެ މުބާރާތް ނެގީ މުހައްމަދު ނަޖާހު (ކަބޯ)އެވެ. މިއަދު ނިމިގެން ދިޔަ މުލީގެ އިވެންޓްގެ އިތުރުން ދެން މުބާރާތްތައް އޮންނާނީ ކ. ހިންމަފުށި އަދި ރ. ކިނަޅޮހާއި މާލޭގައެވެ.
މިފަހަރުގެ ލީގުގެ ފޯމެޓަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން ލީގުގައި ފަސް މުބާރާތް އޮންނަ އިރު، އަހަރު އެންމެފަހުން ބާއްވާ ރަންނަމާރި ޗެލެންޖަކީ ކޮލިފިކޭޝަނަކުން އަންނަ އެތުލީޓުން ވާދަކުރާ މުބާރާތެކެވެ. ފުރަތަމަ އޮންނަ ހަތަރު އިވެންޓްގެ ތެރެއިން ކޮންމެ ސާފަރަކަށްވެސް ބޭނުން ތިން އިވެންޓެއްގައި ވާދަކޮށް، ރަންނަމާރި ޗެލެންޖަށް ކޮލިފައިވާން ފުރުސަތު އޮންނަ އިރު، ރަންނަމާރި ޗެލެންޖާ އެކު އަހަރުގެ އެންމެ މޮޅު ސާފަރު ކަނޑައެޅިގެންދާނެއެވެ. އެއީ އަންހެން އަދި ފިރިހެންވެސް ސީނިއާ އެންމެ މޮޅެތި ސާފަރުންނާއި އެންމެ މޮޅު ޖޫނިއާ ސާފަރުންވެސް ކަނޑައެޅިގެންދާ އިވެންޓެވެ.
ރަންނަމާރި ޗެލެންޖުގައި ވާދަކުރަނީ ފުރަތަމަ ތިން އިވެންޓުން ކޮލިފައިވާ 32 އެތުލީޓެކެވެ.
މިއަދު ކުރިއަށްދިޔަ މުލީކޮޅު ރާޅުގަނޑުގެ އޯޕަން ޑިވިޝަންގެ ފައިނަލް ހީޓްގައި ވާދަކުރީ ހުސައިން އަރީފް (އިބޫ) އާއި އަންމަޑޭއެވެ. އަންމަޑޭ ޗެމްޕިއަންކަން ހޯދީ ވާދަވެރި ހީޓެއްގައި 14.03 ޕޮއިންޓް ހޯދައިގެންނެވެ. އިބޫއަށް ހީޓް ނިމުނު އިރު، ހޯދުނީ 13.50 ޕޮއިންޓެވެ.
މުބާރާތުގެ އޯޕަން ބައިގެ ފައިނަލަށް އަންމަޑޭ ދިޔައީ ސެމީ ފައިނަލް ހީޓްގައި ސައްޔިދު ސަލާހުއްދީން ބަލިކޮށްފައެވެ. އިބޫ ފައިނަލަށް ދިޔައީ "ކަޅެގަލެކޮޑާ"ގެ ޗެމްޕިއަން ނަޖާހު މުހައްމަދު (ކަބޯ) ބަލިކޮށްފައެވެ.
މިދިޔަ އަހަރުގެ ސާފް ލީގު ޗެމްޕިއަން އަންމަޑޭ، މުލީގެ އިވެންޓްގެ ތަށި ދިފާއު ކުރި އިރު، ޖޫނިއާ ބައިގެ ޗެމްޕިއަންކަން މިފަހަރުވެސް ހޯދީ މ. މުލީގެ ޝާނިފް ޝަފީގެވެ. އޭނާ ފައިނަލް ހީޓްގައި ވާދަކުރީ ޔަސީން އަހުމަދު ނާޝިދާއެވެ.
އަށާރަ އަހަރުން ދަށުގެ ޝޯޓްބޯޑް ފައިނަލް ހީޓު ނިމުނު އިރު، ޝާނިފް 10.83 ޕޮއިންޓް ހޯދާފައިވާ އިރު، ޔަސީންއަށް ހެދުނީ 8.0 ޕޮއިންޓެވެ.
ސާފިން އެސޯސިއޭޝަނުން ދާދިފަހުން ވަނީ ގައުމީ ސާފިން ޓީމު އެކުލަވާލައި ތަމްރީނުތައްވެސް ފަށައިފައެވެ. ގައުމީ ސާފިން ޓީމުގެ ކޯޗަކީ ކްލައިޓް މާޓިންނެވެ. ރާއްޖޭގައި ރަނގަޅު ފެންވަރެއްގައި ސާފިން ކުރިއަރަމުންދާ އިރު، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އަންނަ ޖުލައި މަހު ރާއްޖޭގައި ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން