އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން އިއްޔެ ފިލާފައި ވަނީ، އއ. ހިމަންދޫ /ދަބުގެ، ހުސައިން ޝަހްބާން (25އ)، ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ޝަހްބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ހުރި މީހެއް ކަމަށެވެ.
ފުލުހުން ބުނީ އޭނާ އިއްޔެ ފިލީ ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރެއަށް ނެރެފައި ހުއްޓައި ފާރުމަތިން ފުންމާލައިގެން ކަމަށެވެ.
ނަމަަވެސް އެމީހާ ފިލީ ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލައިގެން ސާމާނުތަކެއް ހިފައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވަހަކަތަައް ފުލުހުން ވަނީ ދޮގު ކޮށްފައެވެ.
ފުލުހުން ބުނީ، އެމީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ތަނެއް ފަޅައިލި ކަމަށް ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި ފިލި މީހާ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޝަހުބާން ހޯދަމުން އަންނަ ކަމަށާއި، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ރަސްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791394 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު