ކޮމަންވެލްތު ލީޑާސް އިވެންޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް އޮފީހުން ރޭ ބުނީ އެ އިވެންޓް ބާއްވާފައިވަނީ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި އިއްޔެ ކަމަށެވެ.

ކޮމަންވެލްތު ލީޑާސް އިވެންޓު ބާއްވާފައި މިވަނީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށާއި ކޮމަންވެލްތުގެ އިޔާ އޮފް ޔޫތު އަދި ކޮމަންވެލްތު އިޔާ އޮފް ޕީސްގެ އިތުރުން ކޮމަންވެލްތުގެ އާ ވެރިޔާ ޕްރިންސް ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތާ ވެސް މުނާސަބުވާ ގޮތަށެވެ.

މިފަހަރު ކޮމަންވެލްތު ލީޑާސް އިވެންޓުގައި ކޮމަންވެލްތުގެ ލީޑަރުންނަށް، ޗާލްސް ތިން ވަނަ، އިނގިރޭސި ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ކުރިން އަދި ކޮމަންވެލްތުގެ އާ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާއި ބައްދަލުވެވަޑައިގެން މަރުހަބާ ވިދާޅުވުމަށް ފުރުސަތު ލިބިގެންދާނެއެވެ. އެ އިވެންޓުގައި ކޮމަންވެލްތުގެ ލީޑަރުން ކޮމަންވެލްތުގެ ގައުމުތަކުން ހިފަހައްޓާ ހަމަތަކާ ބެހޭގޮތުންނާއި ކޮމަންވެލްތުގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަދައްކަވާނެއެވެ.

މީގެ އިތުރުން އެ އިވެންޓަށްފަހު ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންނާއި އިސްވެރިން ތަމްސީލުކުރައްވާ މަންދޫބުން ޗާލްސް ތިންވަނަ އާއިއެކު ރަސްމީ ފޮޓޯ ނެންގެވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޗާލްސް ތަހުތަށް ވެޑުވުމުގެ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހުގެ ދެކަނބަލުން ލަންޑަނަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ.