ރާއްޖޭގެ ތާރީހުގައި ޕެރަލިމްޕިކްސް އިން ހޯދި ފުރަތަމަ ރަން މެޑަލް، މުހައްމަދު މާޒިން އާއި އޭނާގެ ގައިޑް ރަނާ ހުސައިން ޝިފާޒް ހޯދައިފިއެވެ.

މާޒިން މިއަދު ރަން މެޑަލް ހޯދީ އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ފަސްވަނަ އިންޑިއަން އޯޕަން ޕެރަ އެތުލެޓިކްސް އިންޓަނޭޝަނަލް ޗެމްޕިއަންޝިޕް 2023ގެ 100 މީޓަރު ދުވުމުންނެވެ. މާޒިން ރަން މެޑަލް ހޯދީ ދުވުމުގެ ހީޓް 11 ގައި ވާދަކޮށްގެންނެވެ. އެ ހީޓްގައި ދެން ވާދަކުރީ އިންޑިއާގެ ދެ ދުވުންތެރިންނެވެ. އެއީ ކްރިޝްނާ ސެތާއި ސުމިތު ކުމާރެވެ.

އިންޑިއަން އޯޕަން ޕެރަ އެތުލެޓިކްސް އިންޓަނޭޝަނަލް ޗެމްޕިއަންޝިޕް އިއްޔެއިން ފެށިގެން އަންނަ އާދީއްތަ ދުވަހާ ހަމައަށް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ އިރު، އެ މުބާރާތަކީ 2023 ވަނަ އަހަރުގެ ވޯލްޑް ޕެރަ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި 2024 ވަނަ އަހަރު އޮންނަ ޕެރައޮލިމްޕިކްސްގެ ކޮލިފިކޭޝަން މުބާރާތެކެވެ.

މާޒިންއަކީ މީގެ ކުރިންވެސް ޕެރަ އެތުލެޓިކްސްގައި ރާއްޖެއަށް ކާމިޔާބު ހޯދައިދީފައިވާ އެތުލީޓެކެވެ. އެގޮތުން މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް މާޒިން ވަނީ ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ. އަދި 2021 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ޕެރަލިމްޕިކްސް ގޭމްސްގައިވެސް މާޒިން ވާދަކޮށްފައިވާ އިރު، އޭނާއާއި ފާތިމަތު އިބްރާހިމަކީ އެ މުބާރާތުގައި ވާދަކުރި ފުރަތަމަ ދިވެހި ދެ އެތުލީޓުންނެވެ.