Close Election
Close
ޚަބަރު

ޕީއެސްއެމަށް ދޭ ބަޖެޓުން ބައެއް، އެހެން މީޑިއާތަކަށް ދިނުމަށް އެޑިޓާސް ގިލްޑުން ގޮވާލައިފި

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ހިންގުމަށް ބަޖެޓުން ދޭ 100 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ބައެއް އަމިއްލަ މީޑިއާތަކަށް ދިނުމަށް އެޑިޓާސް ގިލްޑް މޯލްޑިވްސްއިން ގޮވާލައިފިއެވެ.

މިނިވަން ނޫސްވެރިކަމުގެ ދުވަހާ ގުޅިގެން އެޑިޓާސް ގިލްޑުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި މިނިވަން ނޫސްވެރިކަން ކުރުމަށް ޖާގަ އެބައޮތް ކަމަށާއި ނަމަވެސް ބައެއް މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ފަދަ ބައެއް ދަތިތައް އެބަހުރި ކަމަށެވެ.

އެގޮތުން މިނިވަންކޮށް މީޑިއާއެއް ހިންގުމަށް އެންމެ ބޮޑަށް ބޭނުން ވަނީ މާލީ މިނިވަންކަން ކަމަށާއި ނަމަވެސް މީޑިއާތައް ހިންގާނެ ފައިސާ ނުލިބުމަކީ ގޮންޖެހުމެއް ކަމަށް އެޑިޓާސް ގިލްޑުން ބުންޏެވެ.

"މިނިވަން މީޑިއާއެއް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދައުލަތުގެ މީޑިއާ ހިންގުމަށް ދައުލަތުގެ ބެޖެޓުން ހަރަދުކުރާ 100 ވަރަކަށް މިލިއަން ރުފިޔާ މަދުކޮށް މީޑިއާތަކަށް އެ އިން ބައެއް ލިބޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލަމެވެ. އަދި ޓެކްސް ޕޭޔާސްގެ ފައިސާއިން މީޑިއާތަކަށް އެއްވެސް ހަރަދެއް ކުރާނަމަ، އެ ފައިސާ ހަމަހަމަކޮށް ހާމަކަން ބޮޑުކޮށް، އިންސާފުން ދިނުމުގެ މުހިންމުކަން މި ޖަމިއްޔާއިން ފާހަގަކުރަމެވެ،" އެޑިޓާސް ގިލްޑުން ބުންޏެވެ.

އެޑިޓާސް ގިލްޑުން ބުނީ، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އޮޅުން ފިލުވައިދީ ސާފުކޮށްދީ، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާކުރަމުން އަންނަނީ މީޑިއާއިން ކަމަށެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އިރު، ބަޖެޓުން މީޑިއާތަކަށްވެސް ފައިސާ ދޫކުރުމަކީ މިނިވަން ނޫސްވެރިކަން ފުޅާވެގެންދާނެ ކަމެއް ކަމަށް އެޑިޓާސް ގިލްޑުން ބުންޏެވެ.

މާލީ ދަތިތައް ފިޔަވައި ދެން މީޑިއާގެ މިނިވަން ކަމަށް ދިމާވާ ދަތިތަކަމަކީ މައުލޫމާތު ހޯދައި ލިބިގަތުމަށް ހުރި ހުރަސްތައް ކަމަށް ވުމުން އެ ހުރަސްތައް ނައްތާލުމަށް އެޑިޓާސް ގިލްޑުން ބުންޏެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ނޫސްވެރިން ކައިރީ ވައުދުވެވަޑައިގެންނެވި ގޮތަށް ހެއްކާ ބެހޭ ގާނޫނުން ނޫސްވެރިންގެ މަސްދަރު ހިމާޔަތް ކުރުމަށް ގޮވާލާ ކަމަށެވެ.