އިސްލާމީ ފަތުވާ މަޖިލިސް އަލުން އެކުލަވާލައިފިއެވެ.

ސަރުކާރުން ފަތުވާ މަޖިލިސް އެކުލަވާލާފައި މިވަނީ އެމަޖިލީހުގައި ތިއްބެވި މެމްބަރުންގެ ދައުރު ހަމަވިތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި މަޖިލީހަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ މަޖިލީހެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަތުވާ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް އޮތް ހިސާބާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފަތުވާ ކޮމިޓީއަށް މެމްބަރުން އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއް ކަމަށް ވިދާޅެއް ނުވެއެވެ.

ފަތުވާ މަޖިލިސް އެކުލެވިގެންވަނީ، ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރާ މެމްބަރަކާއި ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑެމިކް މުވައްޒަފުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ރުހުމާއެކު ރައީސް އައްޔަންކުރާ މެމްބަރެއްގެ އިތުރުން، ރައީސް އައްޔަންކުރައްވާ ތިން މެމްބަރުންގެ މައްޗަށެވެ.