ދައުލަތަށް 22.4 މިލިޔަން ޑޮލަރު ދައްކަން ހުކުމް ކޮށްފައިވާ، އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މައްޗަށް އަންގައި އަމުރުކުރެވެން ނެތްކަމަށް ހައިކޯޓުން ކުރި ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުންވެސް ހުކުމް ކޮށްފިއެވެ.

މިއީ 26 ފެބުރުވަރީ 2015 ގައި އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް އެ ކުންފުނިން ނިންމައި އެ މަސައްކަތްކުރުމަށް ލިކިއުޑޭޓަރުގެ ހައިސިއްޔަތުން އޭއައިއެސް އައްޔަނުކޮށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން 14 އޭޕްރީލް 2015ގައި އޭއައިއެސްގެ ފަރާތުން އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް ބޭނުންވާ ލިޔެކިޔުންތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅި ނަމަވެސް ގާނޫނުގައި ބުނާ 14 ދުވަހުގެ ތެރޭގައި އެ ކުންފުނި އުވާލާފައެއް ނުވެއެވެ.

އެ މައްސަލަ އޭއައިއެސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެދިފައިވަނީ 14 ދުވަހުގެ ތެރޭގައި އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ނަމަވެސް ސިވިލްކޯޓުން ހުކުމް ކުރީ އެ ކުންފުނި އުވާލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މައްޗަށް އަންގާ އަމުރުކުރާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަަމަށެވެ.

ސިވިލްކޯޓުގެ ހުކުމް ބިނާކުރި މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ތ. ކަޅުފަހަލަފުށީގެ ލީސް އެގްރިމަންޓްގެ ދަށުން، ލޭންޑް ރެންޓާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް އެ ކުންފުނިން 13.9 މިލިޔަން ޑޮލަރު ދައްކަން އޮތްކަމަށް މީރާއިން ބުނެފައިވާ މައްސަލަ ހިމެނެއެވެ.

ސިވިލް ކޯޓުގެ ނިންމުން އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ، އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަކީ ތ. ކަޅުފަހަލަފުށީގެ ލީސް އެގްރިމަންޓްގެ ދަށުން، ލޭންޑް ރެންޓާއި ޖޫރިމަނާގެ ގޮތުގައި އަށެއް އޭޕްރިލް 2015 ގެ ނިޔަލަށް، ދައުލަތަށް 13.9 މިލިޔަން ޑޮލަރު ދައްކަންޖެހި ނުދައްކައިވާ ކުންފުންޏެއްކަން އެނގޭ ކަމަށާއި، އަދި 24 ޑިސެންބަރު 2017 އާ ހަމައަށް ތ.ކަޅުފަހަލަފުށީގެ ލީސް އެގްރިމަންޓްގެ ދަ ށުން، ލޭންޑް ރެންޓާއި ޖޫރިމަނާއާއި، އިންޓަރެސްޓްގެ ގޮތުގައި 21.7 މިލިޔަން ޑޮލަރާއި 2015 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 30050 ރުފިޔާ ދައުލަތަށް ދައްކަން ޖެހި ނުދައްކާ އޮތް ކުންފުންޏެއްކަން މީރާއިން ދިން މައުލޫމާތުތަކުން އެނގެން އޮންނަ ކަމަށެވެ. އަދި ސިވިލްކޯޓުން ސާފުކުރި މައުލޫމާތުތަކުން އެ ކުންފުނިން ދިވެހި ދައުލަތަށް 22.4 މިލިޔަން ޑޮލަރު ދައްކަން ހުކުމްކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުންވެސް ބައެއް ކަންތައްތައް ފާހަގަކޮށް ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކުރަން ޖެހޭފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ.