ރިސޯޓެއްގައި ގަހެއް ކަނޑަނިކޮށް ގޮފިގަނޑެއް ވިއްސައިގެން ގޮސްް ޖެހި، މީހަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ދެކުނުގެ ރިސޯޓެއްގައި ގަހެއް ކަނޑަނިކޮށް ގޮފިގަނޑެއް ވިއްސައިގެން ގޮސް މީހެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާ ކަމަށެވެ. ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު 9:03 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އޭނާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އައްޑޫ އަތޮޅުގައި ހިންގަމުންގެންދާ ކެނަރީފް އައިލޭންޑް ރިސޯޓްގައެވެ.