Close Election
Close
ޚަބަރު

މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް

ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" އިން ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައި ރާއްޖެ، މިދިޔަ އަހަރަށްވުރެ 13 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައި 180 ގައުމެއް ހިމެނޭ އިރު، މިދިޔަ އަހަރު ރާއްޖެ އޮތީ އެ ލިސްޓުގެ 87 ވަނައިގައެވެ. މިއަހަރު ރާއްޖެ އޮތީ 100 ވަނައަށް ދަށަށް ގޮސްފައެވެ. މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައި ރާއްޖެ ފަހަތަށް ޖެހުނު ދެ ވަނަ ފަހަރެވެ.

މީގެ ކުރިން 2018 ވަނަ އަހަރު އެ ލިސްޓުގެ 120 ވަނައިގައި ރާއްޖެ އޮތް އިރު، 2019 ވަނަ އަހަރު ރާއްޖެ އޮތީ 98 ވަނައެވެ. އަދި 2020 ވަނަ އަހަރު 79 ވަނައިގައި އޮތް އިރު، 2021 ވަނަ އަހަރު ރާއްޖެ އޮތީ އެ ލިސްޓުގެ 72 ވަނައިގައެވެ.

ރާއްޖޭގެ ރޭންކިންއާ އެކު ނެރުނު ކަންޓްރީ ޕްރޮފައިލްގައި އާރުއެސްއެފްއިން ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލާ އެކު ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮންނާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ބިލަށް ސަރުކާރުން އިސްލާހު ގެންނަން ނިންމި ނަމަވެސް ނޫސްވެރިން އެދޭ ގޮތަށް ބަދަލުތައް ގެނެސްފައެއް ނުވެ އެވެ.

ކަންޓްރީ ޕްރޮފައިލްގައިވާ ގޮތުގައި، ނޫސްތަކަށް އިޝްތިހާރު ދިނުމުގައި ހަމަހަމަކަމެއް ނެތެވެ. އަދި ނޫސްވެރިންނަށް ދޭ ހަމަލާތަކާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭ ކަމަށާއި ނޫސްވެރިންނަށް ފުރައްސާރަކުރުމުގެ މައްސަލަތައްވެސް އިތުރުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.