ތިލަމާލެ ބުރިޖުގެ މަސައްކަތަށް ގެންގުޅު ބާޖެއް ވިލިމާލެ ފަރަށް އަރާފައިވާކަމަށް ބުނާ ވާހަކަ އެފްކޮންސްއިން ދޮގުކޮށްފިއެވެ.

ބުރިޖުގެ މަސައްކަތަށް ބޭނުންކުރާ ބާޖެއް ރޭ 23:00 ހާއިރު ވިލިމާލޭ ފަރަށް އަރާފައިވާ ކަމަށް ބުނެ ވިލިމާލޭގެ އަތިރިމަތި ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ސޭވް ދަ ބީޗް"ގެ ޓުވިޓާ އެކައުންޓުން ވަނީ ޓުވީޓެއް ކޮށްފައެވެ. ބާޖުގެ ވީޑިއޯއަކާއެކު ކޮށްފައިވާ އެ ޓުވީޓުގައި ބުނެފައިވަނީ ވިލިމާލޭގެ ހުޅަނގު ދެކުނު ފަޅަށް ބާޖެއް އަރާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ތިލަމާލެ ބުރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "ވަން" އަށް މިއަދު ވިދާޅުވީ، ބާޖު ފަރަށް އަރާފައި ނުވާ ކަމަށާއި ނަމަވެސް ފަރާ ވަރަށް ކައިރިއަށް ގޮސްފައިވާ ކަމަށެވެ.

"ފަރަކަށް ނުވެއް އަރާ. އެކަމު ވަރަށް ކައިރިއަށްދިޔަ. ނަގިލި ކަހާލައިގެން ކަމަށް މައުލޫމާތު ލިބެނީ" ޖިނާން ވިދާޅުވިއެވެ.

ޖިނާން ވިދާޅުވީ، ބާޖު ފަރަށް ނޭރި ނަމަވެސް، ފަރާ ކައިރިއަށް ބާޖު ގޮސްފައިވާތީ ފަރަށް އެއްވެސް ގެއްލުމެއްވެފައިވޭތޯ ބެލުމަށް ޑައިވަރުންގެ ޓީމަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ، ވިލިމާލޭ ފަރަށް ބާޖެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ލިބިވަޑައިގެންފައިވާ ކަމަށާއި އެކަން އެ އެޖެންސީން ބަލަމުން އަންނަ ކަމަށެވެ.

"ބާރު ފަރަށް އެރީކަމެއް އަރަން އުޅުނީ ކަމެއް އަދި ނޭނގެ. އެކަމަކު އެ މައްސަލަ ބަލަމުން މިހާރު އަޅުގަނޑުމެން މިދަނީ" ނައީމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުވެސް ބުރިޖުގެ މަސައްކަތުގައި ބޭނުން ކުރާ އުޅަނދެއް ވިލިމާލޭ ފަރަށް އެރުމުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ފަޅުގައި ފުން ވަޅުގަނޑުތަކެއް ހެދިފައިވެއެވެ. އެފްކޮންސް އަށް އެ އުޅަނދު ފަރުމަތިން ނެގުނީ ދެ ހަފުތާގެ މަސައްކަތުންނެވެ.

އެ އުޅަނދު ފަރަށް އެރުމުން އީޕީއޭ އިން ވަނީ އެފްކޮންސް 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް އެ ޖޫރިމަނާ އެ ކުންފުނިން އަދި ދައްކާފައެއް ނުވެއެވެ.