އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހް ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރާޖްނާތު ސިންގް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

ތިން ދުވަހަށް މިނިސްޓަރު ރާޖްނާތު ސިންހް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގެ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާއީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މިއީ އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާޖްނާތު ސިންގު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ކޯސްޓްގާޑުން ބޭނުން ކުރަމުން ދިޔަ ކަނޑުގެ އަސްކަރީ އުޅަނދު "ހުރަވީ" ގެ ބަދަލުގައި އިންޑިއާ އިން ހަދިޔާކުރި އުޅަނދު ރަސްމީކޮށް ދިވެހި އަސްކަރިއްޔާއާ ހަވާލު ކުރުން ވެސް އޮންނާނެ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ ލޭންޑިންކްރާފްޓާއި ފާސްޓް ޕެޓްރޯލް ވެސެލް އުޅަނދެއް ހަވާލު ކުރުންވެސް އޮންނާނެއެވެ.

އިންޑިއާއިން ރާއްޖެއަށް އަލަށް ހަދިޔާކުރާ އަސްކަރީ އުޅަނދު ރާއްޖެ ގެނައީ އޭޕްރިލް 15 ވަނަ ދުވަހުއެވެ. އަދި އުޅަނދަށް އައްޔަންކުރާ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިންމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިން ޕްރޮސީޖާސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކެއް ދެ ހަފުތާއަށް ހިންގާފައިވެއެވެ.

އޭޕްރިލް 16، 2006 ގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި "ހުރަވީ" އަކީ ކޯސްޓްގާޑުގައި އޮތް އެންމެ ބޮޑު އުޅަނދެވެ. އެ އުޅަނދަށް ގިނަ ދުވަސްވެފައިވާތީ އެ އުޅަނދުގެ ބަދަލުގައި އަލަށް ހަދިޔާކުރި އުޅަނދު ހުރަވީއަށް ވުރެ ބޮޑު އަދި ގާބިލުކަން އިތުރު، ފަހުގެ އުޅަނދެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.