ސިވިލް ސާވިސްއަކީ ރައްޔިތުންނަށް އިތުބާރު އޮތް ހިދުމަތަކަށް ވާން ޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ރައީސް މުހައްމަދު ނާސިހު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރާ މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހާއި ރާއްޖޭގެ ސިވިލް ސާވިސް ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި ނާސިހު ވިދާޅުވީ، ފާއިތުވިި 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިވިލް ސާވިސްއިން ގިނަ ކުރިއެރުންތަކެއް ހޯދައިފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ސަރުކާރުގެ އިދާރާތަކަށް ސީދާ ގޮސްގެން ނޫނީ ހޯދެން ނެތް ހިދުމަތްތައް އޮންލައިންކޮށް ހޯދުމުގެ އިންތިޒާމު ހަމަޖެހުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވިއެވެ.
"ނަތީޖާއެއްގެ ގޮތުން ބަދަލުވަމުން މިދާ ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ބޭނުންވާ ހުނަރުތައް ވެސް މި އަންނަނީ ތަފާތުވެ ބަދަލުވަމުން. މިގޮތުން ބަލާއިރު ކޮމްޕިއުޓަރާއި އައިސީޓީގެ ހިދުމަތަކީ ހުރިހާ މުވައްޒަފުން ދަސްކޮށް، އުނގެނުމަށް ކޮންމެހެން ލާޒިމު ހުނަރުތަކަކަށް މިވަނީ ވެފައި." ނާސިހު ވިދާޅުވިއެވެ.
ނާސިހު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ހަވާލުވެ ތިބި ބަޔަކަށް ވުމުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގައި ސާފު ސީދާ ގޮތެއް ގެންގުޅެ، މައްސަލަ ހައްލު ކުރުމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ. އަދި ސިވިލް ސާވިސްއަކީ ރައްޔިތުންގެ އިތުބާރު އޮތް ހިދުމަތަކަށް ހަދަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ކަނޑައަަޅައިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަަށްވެސް ނާސިހު ވިދާޅުވިއެވެ.