ތ. ހިރިލަންދޫގައި ޑްރަގު ކެފޭއެއް ހިންގާ ކަމަށް ތުހުމަތުވާ ބަޔަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި އެމީހުންނަށް ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެން ތިބި ދެ މީހުންނެވެ. އެ މީހުން ވަނީ ޑްރަގް ކެފޭ ހިންގާ ކަމަށް ބުނާ ގޭގެ ދޮރު ހަލާކުކޮށްލައިގެން އެ ގެއަށް ވަދެ އެ ގޭތެރޭގައި ތިބި މީހުންގެ ތެރެއިން ދެ މީހަކަށް ހަމަލާދީފައެވެ.
އެތަނުން އެކެއްގެ ބޯ ފަޅާލައިފައިވާ އިރު، އަނެކަކުގެ އަތް ވަނީ ބިންދާލައިފައެވެ. އަދި އެ ދެ މީހުންނަށްވެސް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ. އެ މީހުންނަށް ހިރިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެނގިފައިވާ ގޮތުގައި އެ މީހުންނަށް ހަމަލާދިނުމުން، އެމީހުން ވަނީ ރަށުގެ މަގުތަކަށް ނުކުމެ މީހުންނަށް އިންޒާރު ދީފައެވެ. އެކަމާ ހިތްހަމަނުޖެހި ރަށުގެ ގިނަ އަދަދެއްގެ ބަޔަކުވެސް ވަނީ އެ މީހުން ރަށުން ބޭރުކުރަން ނުކުމެފައެވެ.
ޑްރަގް ކެފޭ ހިންގާ ގެ ކަމަށް ބުނާ ގޭގެ ކޮޓަރިއެއްގައި ކުޑަ ތިން ކުދިންނާއެކު އެކުދިންގެ މައިންބަފައިންވެސް ދިރިއުޅެމުން ދެއެވެ. މިހާރު ވަރިވެފައިވާ އެ ދެ މީހުން ދިރިއުޅެމުންދިޔައީ އެއް ކޮޓަރިއެއްގައެވެ. އޭގެ ތެރެއިން އައްޑޫ މީހާއަކީ މަސްތުވާތަކެތީގެ ވިޔަފާރި އެރަށުގައި ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާކަމަށް ރަށުގެ ބައެއް މީހުން ތުހުމަތުކުރެއެވެ.
ޑްރަގް ކެފޭއެއް ކަމަށް ބުނާ ތަނުގައި ކުޑަކުދިންތަކެއް އުޅެމުންދާތީ އެކަމުގެ ކަންބޮޑުވުން ހިރިލަންދޫ ސްކޫލުން ޖެންޑާ މިނިސްޓްރީއަށްވެސް މީގެ ކުރިން ހިއްސާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ރޭ ހިނގައިދިޔަ މައްސަލައަށްފަހު ޖެންޑާއިން ވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެ ތިން ކުދިން ގެންގޮސްފައި ކަމަށް އެނގިފައިވެއެވެ.
އެ ރަށުން "ވަން"އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެރަށުގައި މަސްތުވާތަކެތީގެ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އަދި އެކަމުގެ މައިގަނޑު އައްޑާއަކީ ރޭ ބަޔަކަށް ހަމަލާދިން ޑްރަގް ކެފޭ ކަމަށް އޭނާ ބުންޏެވެ. އެތަނުގައި މަސްތުވުމުގެ ހިދުމަތްތައް ފޯރުކޮށްދޭ އިރު، ރަށުން ވަގަށް ނަގާ ބައެއް ތަކެތިވެސް އެތަނުގައި އެހެން މީހުންނަށް ވިއްކާ ކަމަށް އޭނާ ބުންޏެވެ.
"ކެމެރާވެސް ހަރުކޮށްފަ ހުންނަނީ. އެ ފެންވަރުގައި އެ މީހުން އެކަން އެކުރަނީ. ޕޮލިހުންނަށްވެސް އެކަން އެނގޭނެ. އެކަމު ހުއްޓުވޭ ތަނެއް ނުފެނޭ. ރަށުގެ ރައްޔިތުން ނުކުތީ ޕޮލިހުންނަށް މިކަން ހައްލު ނުވީމަ. ކޯޓު އަމުރަކާއެކު އެތަން ބަލަން ނުވަންނަތާވެސް އެތައް މަހެއް ވެއްޖެ،" ކަންބޮޑުވުންތަކާއެކު އޭނާ ކިޔައިދިނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، ހިރިލަންދޫ ގެއެއްގެ ތެެރެއަށް ވަދެ މާރާމާރީ ހިންގާފައިވާ ކަމަށް ރޭ 10:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މާރާމާރީއާ ގުޅިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު އިންޒާރު ދިން މައްސަލައެއްވެސް ރޭ 10:15 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީގައި 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ ދެ މީހުންނަށްވެސް ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، މި މާރާމާރީއާ ގުޅިގެންނާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ރަށުތެރޭގެ އަމަންއަމާންކަން ނަގާލުމަށް މަސައްކަތްކުރި 37 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު