ސަރުކާރުގައި 35 ޕަސެންޓް އެލަވަންސް ނުލިބޭ މީހުންނަށް މާދަމާއިން ފެށިގެން އެލަވަންސް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބު ކުރައްވައި ވިދާޅުވީ، ކުރީންވެސް އެ މަނިކުފާނު ވިދާޅުވެފައިވާ ފަދައިން މާދަމާއިން ފެށިގެން ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުވާނެ ކަމަށެވެ.

ސިއްހީ ދާއިރާގެ ބޮޑުކުރި މުސާރަތައް (އިތުރު ގަޑީގެ އެލަވަންސް ނުލައި)

ސީނިއާ ރެޖިސްޓާޑް ނަރުހުން: 20،459 ރުފިޔާއިން 29،271 ރުފިޔާއަށް

ސްޕެޝަލިސްޓް ނަރުހުން: 29،271 ރުފިޔާއިން 41،976 ރުފިޔާއަށް

ސީނިއާ މެޑިކަލް އޮފިސަރުން: 28،727 ރުފިޔާއިން 41،541 ރުފިޔާއަށް

މެޑުިކަލް ޕްރެކްޓިޝަނަރުން: އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ

ސޯޝަލް ވޯކަރުން: 12،944 ރުފިޔާއިން 21،585 ރުފިޔާއަށް

ރައީސް ވިިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ހެޔޮ ބަދަލާއެކު، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށްވެސް މާދަމާއިން ފެށިގެން އެ އެލަވަންސް ލިބޭނެ ކަމަށެވެ.

"ޖުމްލަ 9838 މުވައްޒަފުންނަށް މިބަދަލުގެ ހެޔޮ އަސަރުކުރާނެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތެއް ކަމަށާއި މި މަސައްކަތް ނިމޭއިރު، ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.