ވަގުތު ނެގިޔަސް، އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ފުލުހުންގެ ތެރޭގައި ހިދުމަތްކުރާ ކޮންމެ މީހަކީ އެ މީހެއްގެ ހިދުމަތުގެ ދާއިރާއާ ގުޅޭގޮތުން ތައުލީމާއި ތަމްރީނު ހޯދައިގެން ހިދުމަތް ދޭ މީހަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެގޮތުން އައްޑޫގައި ހުޅުވި "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް"އަކީ ފެންވަރު ރަނގަޅު ފުލުހުން ތަމްރީނު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ބޭނުންތެރި މުއައްސަސާއެއް ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ތެރޭގައި ތައުލީމީ އަދި ތަޖުރިބާކާރު ފުލުހުން ތިއްބެވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފުލުހުންގެ ތަހުގީގުތައް ޒަމާނީ ޓެކްނޮލޮޖީ އާއި ލިބިފައި ހުރި ތައުލީމާއި ތަޖުރިބާގެ އަލީގައި ކުރިއަށް ގެންދިޔަ ނަމަވެސް އެ ތަހުގީގާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފައްދައިފާނެ ކަމަށެވެ.

"ތަހުގީގު ލަސްވެގެން ސުވާލު އުފައްދަފާނެ. ތަހުގީގުގެ ހޯދުންތައް އާންމު ނުކުރާތީ، ނުވަތަ ތަހުގީގު ކުރިއަށްދާ ގޮތް ނޭނގިގެން ވެސް ސުވާލު އުފައްދަފާނެ. އަޅުގަނޑު ހިތުން ބައެއްފަހަރު ތަހުގީގެއް ލަސްވުމަކީ، އެ ތަހުގީގެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފުލުހުންގެ ތަހުގީގުތައް ކުރިއަށް އެ ގެންދަވަނީ، ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގަ. ވަގުތު ނެގިޔަސް، އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގުތައް ފުރިހަމަކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ފުލުހުންނަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެއްބޮޅު ކަމަށާއި އެކަން ދިވެހި ފުލުހުން ކުރާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށެވެ.