ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފުރަތަމަ ދައުރުގެ ޗުއްޓީއަށް ގޮސްފައެވެ. މި ދައުރުގައި ގިނަ ބިލު ތަކަކާއި ގަރާރު ތަކަކާއި މައްސަލަތަކެއް މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް އެހެން ދައުރުތަކާ ހިލާފަށް މިދައުރުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ވަރަށް މަޑުންނެވެ.

ފުރަތަމަ ދައުރުގެ މަސައްކަތްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތިންވަނަ ދައުރުން ލިބުނު 20 ބިލާއި މިއަހަރު ހުށަހެޅި 11 ބިލާއެކު ޖުމުލަ 31 ބިލު މަޖިލީހުގައި އޮތް އިރު، ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައިރު ފާސް ކުރެވިފައިވަނީ އެންމެ ދެ ބިލެވެ.

އެއީ ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ހުށަހެޅުއްވި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަަށް އިސްލާހު ގެނައުމުގެ ބިލެވެ. ބިލު ތަކުގެ ތެރެއިން ފަސް ބިލު މަޖިލީހުގެ ތަޅުމުގައި އޮތް އިރު 24 ބިލު ކޮމިޓީ މަރުހަލާގައި އެބައޮތެވެ.

ކުރީ ދައުރުގެ 11 ގަރާރާއި މިދައުރުގައި މެންބަރުން ހުށަހެޅުއްވި 19 ގަރާރާއެކު މަޖިލީހުގައި 30 ގަރާރު އޮތްއިރު، ފުރަތަމަ ދައުރުގައި ނިންމާލެވުނީ އެންމެ ހަތް ގަރާރުގެ މަސައްކަތެވެ. 13 ގަރާރު މަޖިލިސް ތަޅުމުގައި އޮތް އިރު 10 ގަރާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.

ކުރީ ދައުރުގައި އޮތް އެއް މައްސަލައާއި، މި ދައުރުގައި ހުށަހެޅި 12 މައްސަަލައާއެކު ސަރުކާރުން މަޖިލީހަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 13 ގައި އޮތްއިރު، ނިންމާލެވުނީ 10 މައްސަލައެވެ. އެއް މައްސަލަ މަޖިލިސް ތަޅުމުގައި އޮތްއިރު ކޮމެޓީ މަރުހަލާގައި އޮތީ ދެ މައްސަލައެވެ.

މި ދައުރުގައި މެންބަރުން ހުށަހެޅި ކުއްލި 10 މައްސަލަ ވަނީ ނިންމާލައިފައެވެ. ކުރީ ދައުރުގެ ދެ މައްސަލައާއި ނިމުނު ދައުރުގައި ހުށަހެޅި އެއް މައްސަލައާއެކު މަޖިލީހުގެ ރިޔާސަތުން ހުށަހެޅި ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ނިމުނު ދައުރުގައި ނިންމާލާފައިވާއިރު، ކޮމިޓީ މަރުހަލާގައި ދެ މައްސަލަ އެބައޮތެވެ.

މެންބަރުން ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން ކުރީގެ ދައުރުގެ ފަސް މައްސަލައާއި މި ދައުރުގައި ހުށަހެޅުއްވި އެއް މައްސަލައާއެކު ޖުމުލަ ހަ މައްސަލަ ހިމެނޭއިރު، ނިމުނު ދައުރުގައި އެއް މައްސަލަ ނިންމިއިރު، ފަސް މައްސަލަ އޮތީ ކޮމިޓީ މަރުހަލާގައެވެ.

އެހެނިހެން މައްސަލަތަކާ ގުޅޭ ކުރީ ދައުރުގެ ފަސް ރިޕޯޓަކާއި، ނިމުނު ދައުރުގެ ތިން ރިޕޯޓާއެކު ޖުމުލަ އަށް ރިޕޯޓު ހިމެނޭއިރު، ނިމުނު ދައުރުގައި ނިންމާލެވިފައި ވަނީ އެންމެ އެންމެ ތިން ރިޕޯޓުގެ މަސައްކަތެވެ. މަޖިލިސް ތަޅުމުގައި ދެ ރިޕޯޓު، ކޮމެޓީ މަރުހަލާއި ތިން ރިޕޯޓު އެބައޮތެވެ.

ވަޒީރުންނާ ސުވާލު ކުރަން މެންބަރު ހުށަހެޅުއްވި ސުވާލު ތަކުގެ ތެރެއިން ކުރީ ދައުރުގައި 46 ސުވާލާއި ނިމުނު ދައުރުުގައި ހުށަހެޅި 46 ސުވާލާއެކު ޖުމުލަ 92 ސުވާލު އޮތްއިރު، މިނިސްޓަރުންނާ ކޮށްފައި ވަނީ 41 ސުވާލެވެ. އަނެއް 51 ސުވާލު އޮތީ މަޖިލިސް ތަޅުމުގެ މަރުހަލާގައެވެ.

ފުރަތަމަ ދައުރުގެ ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. ނިމިގެން އެ ދިޔައީ އެހާ ނަތީޖާ ނެރެވުނު ދައުރެއް ކަމަށް ފެންނާކަށް ނެތެވެ. މި ދައުރުގައި މަޖިލީހުގެ ހާޒިރީވެސް ފެނުނީ އާދަޔާ ހިލާފަށް ދަށްކޮށެވެ. ދެން ފެނުނީ ބައިބައިވުންތަކާއި އިހުތިޖާޖާއި ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއިން މަސައްކަތް ބޮއްސުންލާފައި އޮތް ތަނެވެ.