ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން އެކީގައި ތިއްބަވައިގެން ނޫނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެކަން، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އެނގިވަޑައިގަންނަވާތީ ފިކުރުގެ ދިރުމުގެ މެންބަރުންނަށް ފިޔަވަޅު އަޅަން ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމިޔަސް، އެ މެންބަރުންނަށް ފައްޔާޒު ފިޔަވަޅު ނާޅުއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ނަޝީދުގެ ފެކްޝަންގައި އިސްކޮށް އުޅުއްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާތީ ރައީސް ނަޝީދުގެ ފެކްޝަންގެ ހަތަރު މެންބަރަކަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ މެންބަރުން ތިއްބެވި ކޮމިޓީތަކުގެ މުގައްރިރުކަމުން ވަކިކުރަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ނިންމައިފައެވެ. ވަކިކުރަން ނިންމި މުގައްރިރުންނަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
މުދަލާއި ހިދުމަތުގެ އަގު ބޮޑުވަމުންދާތީ އެކަން ކޮންޓްރޯލް ކުރަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މުދަލާއި ތަކެތީގެ އަގު ކުޑަކުރެވޭނީ ސަރުކާރުގެ ހެޔޮ ނިޔަތެއް އޮވެގެން ކަމަށެވެ. އެކަން ނުކުރެވިގެން އުޅެނީ ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މަޖިލީހުގައި އެގޮތަށް ސަރުކާރާ ދެކޮޅަށް ވާހަކައެއް ދައްކާ ކޮންމެ ފަހަރަކު އެއީ ސަރުކާރަށް ޖެއްސުމަށް ނުވަތަ އުދަނގޫ ކުރުމަށްދައްކާ ވާހަކައެއްކަމުގެ ބަދުނާމު އަޅުވާ ކަމަށާއި ނަމަވެސް އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ނުފުއްދޭކަން ތަކުރާރުކޮށް ހަނދާން ކޮށްދިނުން ކަމަށެވެ.
އަދި އެގޮތަށް ވާހަކަދައްކާތީ، ރައިސް ނަޝީދު ފެކްޝަނުންގެ މެންބަރުންނަށް ތަފާތު ފިޔަވަޅު އަޅަން ޕާލިމެންޓްރީ ގުރޫޕާއި އެމްޑީޕީގެ ތެރޭގައިވެސް ވިސްނުންތަކެއް ގެންގޫޅޭ ކަމަށާއި ނަމަވެސް އެ މެންބަރުންނަށް ފައްޔާޒު ފިޔަވަޅު ނާޅުއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
"މިއަދު އެމްޑީޕީ ހިންގަން ހުރި ޗެއާޕާސަންގެ ހިކުމަތްތެރިކަމުން އަޅުގަނޑުމެންނާ ދޭތެރޭގައި ފިޔަވަޅެއް ނާޅަނީ، ޗެއާޕާސަން ފައްޔާޒް އެބަ ގަބޫލުކުރައްވާ އަޅުގަނޑުމެން އެއްކޮށް ތިބެގެން ނޫނީ ދެން އޮންނަ އިންތިހާބުން މޮޅު ނުވާނެކަން" އާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު