މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިޖުތިމާއީ ޒިންމާގެ ދަށުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ)އަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
މި ހަރަކާތްތަކާ ގުޅޭ ގޮތުން އެމްއޭސީއެލުން ބުނީ އެއީ "ވޯލްޑް އޯޓިޒަމް އެވެއާނަސް މަންތް"ގެ ހަރަކާތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގެ ތެރޭގައި އެމްއޭއޭގެ ކުދިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓުއާއަކާއި ފައިސާ ހޯދުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
އެމްއޭއޭގެ 14 ކުދިންނާއި ތިން ޓީޗަރުން ބައިވެރިވި އެއާޕޯޓް ޓުއާގެ ތެރެއިން އެއާޕޯޓް ރޭމްޕް އޮޕަރޭޝަންތަކާއި ފްލައިޓް ހޭންޑްލިންގެ ކަންކަން ކުރިއަށްދިޔަ ގޮތް ދައްކާލި އިރު، އެއާޕޯޓްގެ ފަޔާ ވެހިކަލްތަކާއެކު ފަޔާ އެންޑް ރެސްކިއު ޓީމާއި ބައްދަލުކުރުމުގެ ފުރުސަތާއި އެއާޕޯޓް އިމަޖެންސީ ސާވިސަސް ސްޓޭޝަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ކުދިންނަށް ދީފައިވެއެވެ.
އަދި ފަޔާ އެންޑް ރެސްކިއު ޔުނީފޯމް އަޅައިގެން އެއާޕޯޓްގެ ފަޔާ ވެހިކަލްތަކަށް ވަނުމުގެ ހުއްދަވެސް ދިން އިރު، އެ ޓުއާ ނިންމާލާފައިވަނީ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރުގައި ބޭއްވި ކުޑަ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި އެ ކުދިންނަށް އެމްއޭސީއެލްގެ ފަރާތުން ހާއްސަ ހަދިޔާތަކެއްވެސް ދިނެވެ.
އެމްއޭސީއެލުން ބުނީ އެއާޕޯޓް ޓުއާގެ އިތުރުން މި މަހުގެ ކުރީކޮޅު ކުރިއަށްގެންދިޔަ ފަންޑްރެއިޒިން ޕްރޮގްރާމުގައި އެމްއޭއޭއަށް އެއާޕޯޓް ފެސިލިޓީތަކުގައި މުދާ ވިއްކުމުގެ ފުރުސަތުވެސް ދީފައިވާނެ ކަަމަށެވެ. އަދި އެ ޕްރޮގްރާމަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށްވެސް ބުންޏެވެ.
އެމްއޭސީއެލުން ބުނާ ގޮތުން، އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްތަކަކީ ރާއްޖޭގެ ނާޒުކު މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ސީއެސްއާރުގެ ދަށުން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.