ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)ގެ ދަށުން ކުރިއަށް ގެންދާ ފަސް މަޝްރޫއަކަށް އިންޑިއާ ސަރުކާރުން 2.73 މިލިއަން ރުފިޔާ ދީފިއެވެ.
އިންޑިއާ ހައި ކޮމިޝަނުން މިރޭ ބުނީ އެ ފައިސާ ބޭނުންކުރަން ހަމަޖެހިފައިވާ ފަސް މަޝްރޫއަކީ:
- ގދ. ގައްދޫ ސްޕޯޓްސް ކޮމްޕްލްކްސް ހެދުމުގެ މަޝްރޫއު
- ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓެއް ހެދުން
- ލ. ގަން ކައްދޫ ސްކޫލްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓެއް ހެދުން
- ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓެއް ހެދުން
- ތ. ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ ފަހުގެ މަރުހަލާ ނިންމަން
އިންޑިއާ ހައި ކޮމިޝަނުން ބުނީ، ގައްދޫގައި ސްޕޯޓްސް ކޮމްޕެލްކެސްއެއް ގާއިމުކުރަނީ ބައިނަލްއަގުވާމީ ފެންވަރުގައި ރައްޔިތުންނަށް މުނިފޫހިފިލުވުމާއި ކުޅިވަރާއި ތަމްރީނަށް އަދި ދުޅަހެޔޮ ކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގެ އިތުރުން ޒުވާނުން މުޖުތަމައުގައި ބާރުވެރިކުރުވުމަށް ކަމަށެވެ.
ގައްދޫ ސްޕޯޓްސް ކޮމްޕެލެކްސް އިންޑިއާއިން ދީފައިވާ ހިލޭ އެހީގެ ޖުމުލަ އަދަދަކީ 6.5 މިލިއަން ރުފިޔާއެވެ.
ހައި ކޮމިޝަނުން ބުނީ އަބޫބަރުކު ސްކޫލް، ކައްދޫ ސްކޫލް އަދި ހއ. ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުމުގެ އަމާޒަކީ އެ ޔުނިޓުތަކުގެ ކެޕޭސިޓީއާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން ކަމަށެވެ.
އަދި "ސްޓޫޑެންޓްސް ވިތް ކޮމްޕްލެކްސް ލާނިންގް ޕްރޮފައިލް (އެސްސީއެލްޕީ)" އިން އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައި އެސިސްޓިވް ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މުދައްރިސުން ތަމްރީނުކުރެވޭނެ ކަމަށް ބުންޏެވެ. އެ މަޝްރޫއުތަކުގެ ޖުމުލަ އަގަކީ 4.64 މިލިއަން ރުފިޔާއެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ، އެ ގައުމުގެ ހިލޭ އެހީގެ ދަށުން ވޭމަންޑުގެ މަގުތަކުގައި 100 މަގުބައްތި ހަރުކޮށް ނިންމައި، އިފުތިތާހު ކުރުމަށް ތައްޔާރުވެފައިވާ އެ މަޝްރޫއުގެ ސަބަބުން ކަރަންޓް ބޭނުންކުރާ މިންވަރު ކުޑަކޮށް، މެއިންޓެއިންސް ހަރަދު ކުޑަވާނެ ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 155 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ 28 ހައި އިމްޕެކެޓް މަޝްރޫއުތަށް ހާއްސަ ކޮށްފައިވަނީ މަސްވެރިކަމާއި އިކޯ ޓޫރިޒަމް، ދެމެހެއްޓެނިވި ތަރައްގީ، ޓޫރިޒަމް، ކުޅިވަރު، ދަނޑުވެރިކަން، ސަގާފަތް، ސިއްހީ، ޖަޒީރާ އުމްރާނީ އަދި ތައުލީމީ ދާއިރާ އަށެވެ.
އިންޑިއާއިން ވަނީ ރާއްޖޭގައި ހިންގާ 18 މަޝްރޫއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 106 މިލިއަން ރުފިޔާގެ ހިލޭ އެހީވެސް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު