ޕްލާސްޓިކު ކޮތަޅުން އަގު ނަގަން ފެށި މައްސަލާގައި ބަދަލެއް ގެނެވޭނީ ކޮންމެވެސް ކަހަލަ އަސަރެއްވެސް ހުރެގެން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއަށް ރައްދު ދެއްވައިފިއެވެ.

ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުނި މެނޭޖްކުރުމާ ބެހޭ ގާނޫނުގެ ސަބަބުން، ކޮތަޅުގެ އަގު އިންތިހާއަށް ބޮޑުވުމާ ގުޅިގެން އާއްމުންގެ ޝަކުވާއާއި ފާޑުކިޔުންތައް ބޮޑުވެގެން އެކަން އިސްލާހުކުރުމަށް ސަރުކާރުން ވަނީ އެ ގާނޫނަށް އިސްލާހު ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކޮތަޅު މައްސަލާގައި ޝައުނާއަށް މެންބަރު ގިނަ ސުވާލުތަކެއް ކުރެއްވިއެވެ.

އެ ސުވާލުތަކާ ގުޅިގެން ޝައުނާ ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާ ގުޅޭ ގާނޫނުގައި މިހާރު އޮތް ގޮތަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށާއި މަޖިލީހުން އެ ބިލު ފާސްކުރީ، އެކަން ހައްލުކުރުމަށް ސަރުކާރުން ބިލުގައި ހިމެނި ބައި އުނިކުރުމަށްފަހުގައި ކަމަށެވެ.

އެގޮތުން އެ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި އިރު، ކޮތަޅުން އަގު ނެގުމަށް އިސްތިސްނާ ހާލަތެއްގެ ގޮތުގައި 50 ކޮތަޅާއި 50 ކޮތަޅުން މަތީގެ ކޮތަޅު ބޮޑިއާއި ކާޑުގެ ބާވަތްތައް އަޅާ ކޮތަޅުން ހިމެނި ކަމަށާއި ނަމަވެސް މިހާރު އޮތް ގޮތުން ހުރިހާ މަރުހަލާއެއްގައި ކޮތަޅަށް ލާރި ނަގަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ، އެ މައްސަލަ ސަމާލުކަމަށް އައި ހިސާބުން އެކަން ހައްލު ކުރުމަށް މަޖިލީހަށް ބިލު ހުށަހަޅާފައިވާނެ ކަމަށާއި އެކަން ރައްޔިތުންނަށް ނުއުފުލޭވަރުގެ ތަކުލީފަކަށް ވުމަކީ އެދޭ ކަމެއް ނޫން ކަމަށެވެ.

ޝައުނާގެ ވާހަކައާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މައްސަލައަކީ ޕްލާސްޓިކް ބޭނުންކުރުން ކަމަށެވެ. އެކަން ހުއްޓާލުމަށް ދެ ގޮތެއް އޮތް ކަަމަށާއި އެއް ގޮތަކީ އުގޫބާތެއް ކަމަށާއި ދެވަނަ ގޮތަކީ ބޮޑު ފީއެއް ނެގުން ކަމަށް ވިދާޅުވިއެވެ.

"މި ދެ ގޮތުންކުރެ އެއްގޮތް ހަދައިގެން އަޅުގަނޑުމެން މި ތިބީ، ދެން އޭގެންވާ ތަދުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ، ހިތްވަރު ކޮށްލައްވާ ބަދަލެއް ގެނެވޭނީ ކޮންމެސް ކަހަލަ އަސަރެއްވެސް ހުރެގެން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.