ޚަބަރު

ވެމްކޯއިން ކޮތަޅު ވިއްކާ އަގުތައް އާއްމުކޮށްފި، އާންމު ސައިޒުގެ ކޮތަޅު ބޮނޑިއެއް 35 ރުފިޔާއަށް

ވެމްކޯއިން ބިންލައިނާ ކޮތަޅު ވިއްކާ އަގުތައް އާއްމުކޮށްފިއެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ފޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނަގާ ގޮތަށް ކަނޑައަޅާފައިވާ އިރު، ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ" އިން ފީ ނަގަން ނުޖެހޭގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

ވެމްކޯއިން ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކުނިއަޅައި ބަންދުކުރުމަށް ބޭނުންކުރާނެ ކޮތަޅު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ކޯޕަރޭޝަނުން ބިންލައިނާ ވިއްކަން ފަށަން ނިންމާފައިވާ ކަމަށެވެ.

ވެމްކޯއިން ބިންލައިނާ ވިއްކާ އަގުތައް:

  • ލާޖު - 100 ކޮތަޅުގެ ބޮޑިއެއް 35 ރުފިޔާއަށް
  • ޑަބަލް އެކްސްއެލް - 100 ކޮތަޅުގެ ބޮޑިއެއް 165 ރުފިޔާއަށް
  • ޓްރިޕަލް އެކްސްއެލް - 50 ކޮތަޅުގެ ބޮޑިއެއް 165 ރުފިޔާއަށް

ވެމްކޯއިން ބުނީ އެ ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓް އޮފީސް ތަކުން ބިންލައިނާ ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ވެމްކޯއިން ވަނީ ބިންލައިނާ ހޯލްސޭލް އަދި ރީޓެއިލްކޮށް ރައްޔިތުންނަށް ވިއްކަން ޝައުގުވެރިވާ ވިޔަފާރިތައް ހޯދަންވެސް އިއުލާނުކޮށްފައެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.