ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ، ޔުވްރާޖް ޕްލެޓްފޯމް) އިން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 69 މިލިއަން ރުފިޔާއިން އެފްކޮންސް ޖޫރިމަނާ ކުރި މައްސަލަ މިހާރު ވަނީ އޭނާއަށް އެޕީލް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ޖޫރިމަނާ މައާފު ކުރުމުގެ ވިސްނުމެއް، ސަރުކާރުގެވެސް އަދި އެކަމަނާގެވެސް ނެތް ކަމަށް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން މެމްބަރު ސައީދު ވިދާޅުވީ، 69 މިލިއަން ރުފިޔާއިން އެފްކޮންސް ޖޫރިމަނާކުރިތާ އަށް މަސް ދުވަސް ވެފައިވާ އިރުވެސް އެފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން، އެފައިސާ ހޯދުމަށް މިނިސްޓްރީން ކޮށްފައިވަނީ ކޮންކަންތައްތަކެއްތޯ، ސައީދު ސުވާލު ކުރެއްވިއެވެ.

މެމްބަރު ސައީދުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެފްކޮންސް އިން އެ މައްސަލަ މިނިސްޓަރަށް އެޕީލް ކޮށްފައިވާ ކަމަށެވެ.

"އެ މައްސަލަ އެޕީލް ކުރުމުން ލީގަލް ރިވިއުއެއް ހަދައި ނިމިއްޖެ، ލީގަލް ރިވިއުއިން އަޅުގަނޑަށް ލަފާދީފައި ވަނީ، އިންޑިޕެންޑެންޓް ޓެކްނިކަލް ރިވިއުއެއް ހެދުމަށް، އެ މަރުހަލާގައި މިހާރު ކުރިއަށްދަނީ،"

މިނިސްޓަރު ވިދާޅުވީ، "މި ޖޫރިމަނާ މާފު ކުރުމުގެ އެއްވެސް ވިސްނުމެއް، އަޅުގަނޑުގެވެސް، ސަރުކާރުގެވެސް ނެތްވާހަކަ ދަންނަވާލަން،" ކަމަށެވެ.

މެމްބަރު ސައީދުގެ ސުވާލަށްފަހު، އިދިކޮޅު ޕީޕީއެމް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމުވެސް އެ މައްސަލައާބެހޭގޮތުން މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.

މެމްބަރު ޝިޔާމް ވިދާޅުވީ، ވިލިމާލެ ފަރަށްއެރި ޕްލެޓްފޯމް ފުންކުރީ، ހުސްވި 2022 ވަނަ އަހަރުގެ 16 އޮގަސްޓުގައި ކަމަށެވެ. ހައެއް ސެޕްޓެމްބަރުގައި އީޕީއޭއިން އެ މައްސަލަ ބަލައި 13 ނޮވެމްބަރުގައި އެފްކޮންސް ޖޫރިމަނާ ކުރި ކަމަށެވެ.

ޑިސެމްބަރުގައި އެ މައްސަލަ އެފްކޮންސްއިން އިސްތިއުނާފު ކޮށްފައިވާ އިރު، މިއަދާ ހިސާބަށް މިިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފައިނުވަނީ، އެކަމާބެހޭގޮތުން އެކުލަވާލާފައިވާ އުސޫލުގައި، އެކަމަށް ޖަވާބެއްދޭން ވަކި މުއްދަތެއް ކަނޑައަޅާފައިނުވާތީ، ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމަށްތޯ، ޝިޔާމް ސުވާލު ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، "ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ، ހުރިހާ ކަމެއްވެސް ނިންމާނީ އުސޫލުތަކާ އެއްގޮތަށް ފެއާނަސްއާ އެއްގޮތަށް، އަޅުގަނޑު މިދަންނަވަނީ އެފް ކޮންސްގެ މައްސަލައާ ގުޅިގެން މިހާރު ހުށަހެޅިފައި އޮތް މައްސަލައަށް މާފް ކުރުމުގެ އެއްވެސް ނިޔަތެއްވެސް އެއްވެސް ސިޔާސަތެއްވެސް އަޅުގަނޑުމެންގެ ނެތް،" ކަމަށެވެ.