އީއައިއޭ ފާސްކުރުމުގެ ބާރު އަލުން އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ދީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު 2018 ވަނަ އަހަރު ފުއްދަވައިފައިވާ ކަމަށް، މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ، އީޕީއޭ އަކީ މިނިވަން މުސްތަގިއްލު ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، އަދި ފުރަތަމަ 100 ދުވަސްތެރޭގައި ކުރަން ކަނޑައެޅި ކަމަކަށްވާއިރު، މި ވައުދު ނުފުއްދައި މިހާ ދިގުލަނީ ކީއްވެގެންތޯ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ވަހީދުގެ ސުވާލާ ގުޅިގެން މިނިސްޓަރު ޝައުނާ ވިދާޅުވީ، އީޕީއޭ ބާރުވެރިކުރުވުމުގެ އަޑު އެންމެ ގަދަވެގެއް ދިޔައީ ފަތުރުވެރިކަމުގެ ސިޔާސަތުގައި ހިންގޭ މަޝްރޫއުތަކުގެ އީއައިއޭ ރިޕޯޓު ހެދުމާއި ފާސް ކުރުމުގެ ކަންކަން 2015 ވަނަ އަހަރު އީޕީއޭގެ މަސްއޫލިއްޔަތުގެ ތެރެއިން އުނިކޮށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އޭރުގެ ސަރުކާރުން ބަދަލުކުރި ހިސާބުން ކަމަށެވެ.
އެބަދަލާ ގުޅިގެން އެދުވަސްވަރު ފަތުރުވެރިކަމުގެ ދާއިރާގައި މަޝްރޫއުތައް ހިންގާފައި ވަނީ ތިމާވެށީގެ ގޮތުން ބަލަންޖެހޭ ބެލުންތައް ރަނގަޅަށް ބެލޭނެ އިންތިޒާމުތަކުގެ ތެރެއަކުން ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ވަކި ސިނާއަތެއް ކުރިއަރުވަން އުފައްދާފައިވާ ވުޒާރާއަކުން އެދާއިރާގައި ހިންގާ މަޝްރޫއުތަކުގެ ތިމާވެށީގެ ކަންކަން ބަލައި ރެގިއުލޭޓް ކުރުމަކީވެސް އެންމެ ރަނގަޅު ގޮތެއްކަމުގައި އަޅުގަނޑު ނުދެކެން، އެހެންކަމުން ސަރުކާރުގެ މެނިފެސްޓޯގަ އާއި 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ވެސް އީޕީއޭ ބާރުވެރި ކުރުވައި މިނިވަންކަމާއެކު ހިންގުމަށް މަސައްކަތްކުރާނެ ކަމުގައި ވަނީ ހިމަނައިފަ،"
އީޕީއޭ އަކީ ބާރުވެރި، މިނިވަންކަމާއެކު ހިންގާ މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރައްވައި، މިހާތަނަށް ކުރި މުހިއްމު ބައެއް ކަންތައްތައްވެސް މިނިސްޓަރު ވިދާޅުވެދެއްވިއެވެ.
އެގޮތުން ޓޫރިޒަމް ސިނާއަތުގެ މަޝްރޫއުތަކަށް ބޭނުންވާ އީއައިއޭ ފާސްކުރުމުގެ ބާރު އަލުން އީޕީއޭއަށް ދިނުމަށްޓަކައި ޓޫރިޒަމްގެ ގާނޫނަށް 20 ޑިސެމްބަރު 2018 ގައި ގެނައި ބަދަލާއެކު، ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު އިސްލާހުކޮށް، އީއައިއޭ ފާސް ކުރުމުގެ ބާރު 27 ޑިސެމްބަރު 2018 ގައި އީޕީއޭއަށް އަލުންދީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ވީ ވައުދު ފުއްދައި ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި، އީޕީއޭ ހިންގަމުންގެންދާ ގޮތާބެހޭ މައުލޫމާތު މަޖިލީހާ ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެގައުމެއްގެ އެގްޒެކްޓިވް ބާރާ ވަކިކޮށްފައިނުވާ ކަމަށާއި ތަރައްގީވެފައިވާ ގައުމުތަކުގައި އެކަން އޮންނަނީ، އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް އެއިރެއްގައި ހުންނަ ރައީސެއްގެ ނުވަތަ ތިމާވެއްޓާ ބެހޭ ވަޒީރެއްގެ ދަށުން ހިންގާގޮތަށް ކަމަށެވެ.
"އެއީ ގައުމުގެ ތަރައްގީ އާއި ތިމާވެއްޓާ ދޭއްޗަކީ ވަކި ނުކުރެވޭނެ ދޭއްޗަށްވުމުން، އެހެންކަމުން ވެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް މުޅިން މިނިވަން، މުސްތަގިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމަކީ ރާއްޖެފަދަ، ތަރައްގީވަމުން އަންނަ ގައުމަކަށް އެންމެ އެކށީގެންވާ ނިޒާމު ނޫން ކަން ގަބޫލު ކުރަންޖެހޭ،"
މިނިސްޓަރު ވިދާޅުވީ ބާރުވެރިކަމާއެކު އީޕީއޭ ހިންގުމަށް އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
އެ މަސައްކަތްތަކުގެ ދަށުން، މީގެކުރިން 9.7 މިލިއަން ރުފިޔާގައި އޮތް އީޕީއޭގެ ބަޖެޓް މިސަރުކާރުން 15.3 މިލިއަން ރުފިޔާއަށް އިތުރުކޮށްދީފައިވާ ކަމަށާއި އީޕީއޭގެ ނިންމުންތަކަކީ ސައިންޓިފިކު ނޮލެޖަށް ނިންމާ ނިންމުންތަކެއް ކަމަށް ހެދުމަށް މިއަހަރުގެ ތެރޭގައި މިއަހަރު އެތަނަށް ރިސާޖު ވެހިކަލެއް ދީ، ބޭނުންވާ ކުރޫ އާއި ޓެކްނިކަލް މީހުން ފޯރުކޮށްދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު