ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް އައިލެންޑްސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރި ދައުވާގައި ރާއްޖޭގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކޮށްފައިވާ ކަމަށް ބުނެ، އެކަމުގެ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދިނުމަށާއި އެ މައްސަލައިގައި ޒަމާނުއްސުރެ ރާއްޖޭން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ދެމެހެއްޓުމަށާއި، އެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީ ހާމަ ކުރުމަށާއި މޮރިޝަސްއާ އެކު ހަދާފައިވާ ޑީލް ތަހުގީގުކޮށް އެ ކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅި ޕީއެންސީގެ މެމްބަރު މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ޝަރީފް ވިދާޅުވީ، ޗާގޯސްގެ މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ހާރިޖީ، އިގުތިސޯދީ އަދި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތަކާ ގުޅުންހުރި މައްސަލައެއް ކަމަށެވެ.
އެމްޑީޕީން ލީޑުކުރާ ކޯލިޝަން ސަރުކާރު އައުމުގެ ކުރިން ރާއްޖެއިން ވަކާލާތު ކޮށްފައިވަނީ މޮރިޝަސްއާ ދެކޮޅަށް، ޗާގޯސްގެ މައްޗަށް ބާރު ހިނގާ ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމަށް ކަމަށްވެފައި، އެގޮތަށް އޮތުމުން އެ ސަރަހައްދުން ރާއްޖެ ހިމެނޭ ބައި ހޯދުމަށް މޮރިޝަސްއިން ވަކާލާތު ކުރުމުގެ ފުރުސަތު ހަނިވާ އިރު، ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް އެއްވެސް ކަމެއް ހާމަކުރުމެއް ނެތި، މީގެ ކުރިން ރާއްޖޭން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށް، މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ގައުމުކަމުގައި ސަރުކާރުން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްއަށް ސިޓީއަކުން އެންގެވުމަކީ އިއާދަ ނުކުރެވޭފަދަ ބޮޑު ގެއްލުން ރާއްޖެއަށް ލިބޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖޭން ޒަމާނުއްސުރެން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ބަދަލު ކުރުމަށް ސަރުކާރުން އަޑި ނޭނގޭ ޑީލެއް، އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިންނަވައިގެން ހައްދަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ވިދާޅުވަމުންދާތީވެ، ޗާގޯސްގެ މައްސަލައިގައި، ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެއްލުން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން،"
އެހެންކަމުން އެކަމުގައި ރާއްޖޭގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރި ސަބަބު ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްދިނުމަށާއި އެ މައްސަލައިގައި ޒަމާނުއްސުރެ ރާއްޖޭން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ދެމެހެއްޓުމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީ ހާމަ ކުރުމަށާއި މޮރިޝަސްއާއެކު ހަދާފައިވާ ޑީލް ތަހުގީގުކޮށް އެ ކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ.
މި މައްސައަށް މަޖިލީހުގައި ބަހުސް ކުރަން ފާސްކުރީ، މަޖިލީހުގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން އެމްޑީޕީ މެމްބަރުން ހިމެނޭގޮތުން 23 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. މި ކުއްލި މައްސަލަ ބަލައި ނުގަތުމަށް 19 މެމްބަރުން ވޯޓު ދެއްވިއެވެ.