ގާނޫނަށް ގެނައި ބަދަލާއެކު، އަގު ބޮޑުވުމުގެ ސަބަބުން އާއްމުން ކަންބޮޑުވުން ފާޅު ކުރަމުންދާ ޕްލާސްޓިކު ކޮތަޅުގެ އަގު ހެޔޮކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސިންގަލްޔޫސް ޕްލާސްޓިކު މަދު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތުގެ ދަށުން، ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނު އިސްލާހުކޮށް އަމަލު ކުރަން ފެށުމާއެކު، ކޮތަޅުގެ އަގު ބޮޑުވުމުގެ ސަބަބުން އާއްމުން ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އެކަމާ ގުޅިގެން އެ ގާނޫނުގައި ހުރި މައްސަލަ ހައްލު ކުރުމަށް އަލުން އެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ފޮނުވައިފައެވެ.

އެބިލުގެ ބަހުސް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށް މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ރޭ ނަޝީދު ފޮނުއްވި މެސެޖުގައި ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ.

އެ ގޮތުން އެމަނިކުފާނު ވިދާޅުވެފައި ވަނީ، އުކާލާ ޕްލާސްޓިކު މަދު ކުރުމަށްޓަކައި ސިންގަލްޔޫސް ޕްލާސްޓިކު މަދު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައިގެން ވަކާލާތު ކުރީ، އާއްމުންގެ ސިއްހަތާއި ތިމާވެއްޓަށް ބޮޑު ގެއްލުންތަކެއް ލިބެމުންދާތީ ކަމަށެވެ.

ކަމެއް ކޮންޓްރޯލް ކުރަން ބޭނުންވަނީ، ޓެކްސް ބޮޑުކުރުން ނުވަތަ އުގޫބާތެއް ކަނޑައެޅުން ކަމަށާއި ޕްލާސްޓިކް ކޮތަޅުގެ އަގު ބޮޑުކުރީ އެކަން އެނގިތިބެ، އެގޮތުގެ މަތިން ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

އާއްމުންގެ ކަންބޮޑުވުމާ ގުޅިގެން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާތީ، ސަރުކާރަށް ފާޑުވިދާޅުވަމުން، ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ލާހޫރުމަކީ އެމްޑީޕީއަށް ލިބޭ ދެރައެއް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުގައި އަޒުމެއް، މީޒާނެއް ނެތް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ފޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެކަމުގެ ސަބަބުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށް ވުރެ ވަރަށް ބޮޑަށް ވަނީ އުފުލި އާއްމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.

ކުނި މެނޭޖް ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

ގާނޫނުގައިވާ ގޮތުން ކޮތަޅަށް އިތުރު ފީއެއް ދައްކަން ނުޖެހޭނީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުގެ އިތުރުން ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ އެހެނިހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ "ބިންލައިނާ" އަށެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާއަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 50 ނުވަތަ އެ އަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭނެ ކަމަށެވެ.

އެންވަޔަމެންޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުނި މެނޭޖް ކުރުމުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލް ފާސްވުމުން ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.