ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޯރުކޮށްދެމުން އަންނަ ސެކިއުރިޓީ ދަށްކުރުމަށް ބާރު އަޅައި، ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ވާހަކަ ދައްކަމުން ގެންދިއުމަކީ އިތުރު ހަމަލާއެއް ދުރާލާ ރާވަމުންދާ ކަމަށް ޝައްކުކުރެވޭ ކަމެއް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
އިންތި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ދޭންޖެހިފައިވުމުން އެކަމާ ދެކޮޅަށް އަދި އެކަން ހުއްޓުވުމަށް ބާރު އަޅައި، ސަރުކާރާ ގުޅުން އޮންނަ ނުފޫޒުގަދަ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކުން ފަހަކަށް އައިސް ވާހަކަ ދައްކަވަމުން އަންނަ ކަމަށެވެ.
ރައީސް ނަޝީދަކީ ބޮމުގެ ޓެރަރިސްޓް ހަމަލާގެ ޝިކާރައަކަށްވެފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ، އެ ހަމަލާއަށް ފަހުވެސް ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ގާނޫނުން ލާޒިމްކޮށްފައިވާ އިރު، ސަރުކާރާ ގާތް ގުޅުން އޮންނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ނައިބު މުގައްރިރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމާއި މިނިވަން މުއައްސަސާތަކުގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފަދަ، ނުފޫޒުގަދަ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ނަޝީދުގެ ސެކިއުރިޓީ ދަށްކުރައްވަން ވާހަކަ ދެއްކެވުމަކީ އެކަމުގައި ނުބައި ރޭވުމެއް އޮތް ކަމެއް ކަމަށް ތުހުމަތުކުރެއްވޭ ކަމަށެވެ.
"މި ދެންނެވި 2 ބޭފުޅުންނަކީ ރައީސް ނަޝީދާ މެދު މަތީ ދަރަޖައެއްގެ ރުޅިވެރިކަމާއި ނަފްރަތު އޮންނަކަން އެނގޭގޮތަށް ބަސްތައް ރައްދުކުރައްވަމުން ގެންދަވާ ބޭފުޅުންކަމަށްވެފައި، އެ ދެ ބޭފުޅުން ހަމައެކަނި ރައީސް ނަޝީދަށް ޓާގެޓްކުރައްވައި ޓްރެޓް މިންވަރު އެންމެ މަތީ ލެވެލްގައިވާ އެފަދަ ބޭފުޅަކަށް ގާނޫނީ ގޮތުން ލާޒިމުކުރާ ސެކިއުރިޓީ ފޯރުކޮށްދިނުމާމެދު ފާޑުވިދާޅުވެ، އެކަމަށް ދެކޮޅުހައްދަވައި ތަކުރާރުކޮށް ވާހަކަ ދައްކަވަންޖެހޭ އިތުރު ސަބަބެއް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ،" އިންތިގެ ސިޓީގައިވެއެވެ.
އިންތިގެ ސިޓީގައި އިތުރަށް ވިދާޅުވީ، ރައީސް ނަޝީދުގެ ސެކިއުރިޓީ ދަށްކޮށްފިނަމަ، އެމަނިކުފާނު އިތުރަށް ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމަށެވެ. އަދި ނަޝީދުގެ ސެކިއުރިޓީ ދަށްކުރަން އެދެނީ އެމަނިކުފާނަށް ޓެރަރިސްޓް ހަމަލާއެއް ދޭން ތައްޔާރުވާ ކަމުގެ އަލާމާތެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން އެކަމުގެ ހަގީގަތް ބަލައި ޖިނާއީ އަަމަލެއް އެކުލެވޭނަމަ، ވީހާވެސް އަވަހަކަށް ފިޔަވަޅު އަޅަން އިންތިގެ އެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު