(18 އޭޕްރީލްގެ އަދަދާ ގުޅޭ)

ނުވަވަނަކަމަކީ އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމާއި މަދަދުކުރެއްވުމެވެ. ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم ރަމަޟާންމަހަށް ނަންދެއްވައިފައިވަނީ شــهـــــر المــــواســـاة ގެ ނަމުންނެވެ. އިރްޝާދު ދެއްވައިފައިވަނީ ރަމަޟާންމަހަކީ ޢާންމުކޮށް ތިބާއާ އެއްޖިންސުގެ އެހެނިހެން އިންސާނުންނަށާއި ތިބާގެ އަޚުން އުޚުތުންނާމެދު ހަމްދަރުދީވެވަޑައިގެން އެބައިމީހުންގެ މޮޅިވެރިކަން ފިލުއްވައިދެއްވުމުގެ މައްސަރުކަމުގައެވެ. ޚާއްޞަކޮށް މަޢީޝަތާއި މާލީކަންކަމުގެ ދާއިރާގައެވެ. އެހެންމީހުންގެ ދަތިކަން ފިލުވައިދެއްވައި އެހެންމީހުންގެ ނުފޯރުމާއި ފިކުރުބޮޑުވުމާއި ހިތްދަތިކަމުގައި ބައިވެރިވެވަޑައިގެން އެހީތެރިވެދެއްވައި ޚިދުމަތްކުރެއްވުމުގެ މައްސަރުކަމުގައެވެ. ތިބާގެ ހައިހޫނުފުޅުކަމާއި ކަރުފުޅު ހިއްކެވުމަކީ اللّــــه ގެ އަމުރުފުޅުތަކަށް ތަބާވެވަޑައިގެން ކެތްތެރިކަމުގެ ސިފަ އަށަގެންނެވުމުގެ ޒަރީޢާއަކަށް ހެއްދެވުމަށެވެ. ތިބާގެ ނަފުސު ކޮންޓްރޯލްކުރައްވައި ތަޤުވާވެރިކަމުގެ ސިފައިން ސިފަލިބިވަޑައިގެންނެވުމުގެ ސަބަބަކަށް އެކަންކަން ހައްދަވާ ފަދައިން އެހެންމީހުންގެ އިޙްސާސްތަކުގައި ބައިވެރިވެވަޑައިގެންނެވުންވެސް އާދަކުރައްވާށެވެ. އެހެންމީހުންގެ ހައިހޫނުކަމާއި ކަރުހިއްކުން ދުރުކޮށްދެއްވައި ތިބާގެ އަމިއްލަފުޅު ތަޖުރިބާއާއި އިޙްސާސުގެ ޒަރީޢާއިން ތިބާގެ ކިބައިގައި ހަމްދަރުދީއާއި އެހީތެރިވެވަޑައިގެންދެއްވުމުގެ ވަރުގަދަ ޖަޒުބާތެއް އުފައްދަވާށެވެ.

ހެޔޮކަމާއި އައިތަވެރިކަމާއި ތަޤްވާވެރިކަމުގެ ދާއިރާއަކީ ވަރަށް ތަނަވަސް ދާއިރާއެކެވެ. އެކަމުގެ ގޮފިތަކުގެ ސުމާރެއްނެތެވެ. ނިކަމެތީންނާއި ހައިހޫނުކަމުގައި ތިބޭމީހުންނަށް ކާންދިނުމެވެ. ބަލިމީހުންނަށް ހޭހަންކުރުމެވެ. ބޭސްފަރުވާކޮށްދިނުމެވެ. ހާލުބަލާން ދިޔުމެވެ. ޔަތީމުންނާއި ހުވަފަތުންގެ ބަލަދާ ޙަވާލުވުމެވެ. ނިކަމެތީންނާއި އެހީއަށް ބޭނުންވެފައިވާ މީހުންގެ މުހުތާދުތައް ފިލުވައިދިނުމެވެ. ގާތްތިމާގެ މީހުންނަށް ރަޙިމުގެ ގުޅުން ވާޞިލުކުރުމެވެ. އާދެ، މިއީ ވަރަށް ތަނަވަސް ދާއިރާއަކަށް މަތިމަތީން ކަޅިހިންގައިލި ކަޅިހިންގައިލުމެކެވެ. އެންމެންނަކީވެސް މި ޙައްޤުތައް ދިނުން އައުލާ މީހުންނެވެ. ތިބާގެ އަހްލުއިޔާލުންނާއި ގާތްތިމާގެފުޅު ބޭފުޅުންނެވެ. ހުރިހައި މުސްލިމުންނެވެ. އެންމެހައި އިންސާނުންނެވެ.

އިސްވެބަޔާންކުރެވުނު ހަމްދަރުދީވުމުގެ ކަންތައްތަކަށް މީހުންގެ ސަމާލުކަން އުފައްދަވައި ދެމެހެއްޓެވުމަށްޓަކައި ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم ވަނީ ރޯދަވެރީންނަށް ރޯދަވީއްލުން ދިނުމުގެ މައްޗަށް ވަރަށްބޮޑަށް ބާރުއަޅުއްވައިފައެވެ. ޙަދީޘުކުރައްވައިފައިވެއެވެ. "ރޯދަމަހު ރޯދަވެރިޔަކު ރޯދަވީއްލާނެ އެއްޗެއް ދިނުމަކީ އެމީހެއްގެ ފާފަ ފުއްސަވައި ނަރަކައިގެ އަލިފާނުން މުއްތިކުރައްވާނެ ކަމެކެވެ. އެކަމަކީ ރޯދަވެރިޔާއަށް ލިބޭ ވަރަށް ދަރުމައާއި ސަވާބު ލިބޭނެ ކަމެކެވެ. ރޯދަވެރިޔާއަށް ލިބެންވާ ދަރުމަޔާއި ސަވާބުން ޒައްރެއްގެ މިންވަރުވެސް އުނިކުރެއްވުމެއްނެތިއެވެ."

ޞަޙާބީން ދެންނެވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ ކިބައިގައި ރޯދަވެރިޔެއްގެ ރޯދަވީއްލަން ދެވޭވަރަކަށެއް ތަނަވަސްކަމެއް ނުހުރެއެވެ. އިތުރު ސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم އިރުޝާދު ދެއްވިއެވެ. ރޯދަވެރިޔަކަށް ކިރުކޯވަރެއް ދިންކަމުގައިވިޔަސް އެންމެ ކަދުރެއް ދިންކަމުގައިވިޔަސް ނުވަތަ ފެންކުބަޅެއް (ކޯވަރެއް) ދިންކަމުގައިވިޔަސް އެ ސަވާބު ދެއްވާނެއެވެ. އަނެއްކާވެސް ޙަދީޘުކުރެއްވިއެވެ. ރޯދަވެރިޔަކަށް ބަނޑުބޮޑުވާވަރަށް ކާންދީފި މީހަކަށް އަރަހުށި މާތް اللّــــه ޤިޔާމަތްދުވަހުން އަހުރެންގެ ޙައުޟުން ފެން ދެއްވާނެއެވެ. އެމީހަކު ސުވަރުގެ ވަދެއްޖައުމާ ހަމަޔަށް އެމީހަކު ކަރުހިއްކައިނުގަންނަ ވަރަށެވެ. ފެންބޮވައިގަތުމުގެ ތުރާލެއް ކުރިމަތިނުވާ ވަރަށެވެ. (ބައިހަޤީ، سـلــمــان الــفــارســـى رضـــى اللّـــه عــنـــــه)

ތިބާއަކީ މި ރޯދަމަހު ތިބާގެ އަޚުންނާއި އުޚްތުންގެ ބޭނުންފުދޭ މީހަކަށް ވެވަޑައިގަންނަވާށެވެ. ހައިހޫނުކަމުގައި ތިބޭމީހުންނަށް ކާންދެއްވާށެވެ. ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދަވައިދެއްވާށެވެ. ސަލާމްޖަހާ މީހަކު ހުސްއަތާ ފޮނުއްވައި ނުލައްވާށެވެ. ތިބާގެ މުދަލުގައި އެކުލެވިފައިވާ އެބައިމީހުންގެ ޙައްޤުތައް އެބައިމީހުންނަށް ދެއްވަވާށެވެ. އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާށެވެ. ފާފަތަކުގެ މަޣުފިރަތް ލިބިވަޑައިގެންނެވުމާއި ނަރަކައިން މުއްތިވެވަޑައިގެންނެވުމާއި، ކައުޘަރުގެ ޙައުޟުން ފެން ލިބިވަޑައިގެންނެވުމާ މިހިރަ މިހިރަ އަފޫރުއްބަ އިނާމުތައް ލިބިވަޑައިގެންނެވުން ގުޅިފައިވަނީ މާތް اللّــــه ގެ ޚަލްޤުތަކުންނަށް ޚިދުމަތްކުރެއްވުމާއެވެ. މާތް اللّــــه ގެ ޚަލްޤުތަކުންނަށް ދުއްތުރާކުރައްވައި ދުކުދެއްވުމަކީ ނަމާދާއި ރޯދައާއި ޞަދަޤާތުގެ ސަވާބުގެ ބޮޑެތި ބިޔަ ފަރުބަދަތައް ނަންގަވައިލެއްވިދާނެ ކަމެކެވެ. ޚިދުމަތަކީ ކުޑަޔަސް ބޮޑަސް ފަރަޤެއްހުރިކަމެއް ނޫނެވެ. ތިބާއަށް ދެއްވޭންހުރި މިންވަރެއް ދެއްވާށެވެ. ކޮށްދެއްވޭން އޮތްކަމެއް ކޮށްދެއްވާށެވެ. ކޮށްދެއްވާ ކުޑަކުޑަކަމަކީވެސް ދެއްވާ ކުޑަކުޑަ އެއްޗަކީ މާދެރަ ނިކަމެތިކަމެކޭ ނުވަތަ އެއްޗެކޭ ހީފުޅުނުކުރައްވާށެވެ. އެންމެ ވަގުތަކު ކާންދެއްވުންކަމުގައިވިޔަސް އެންމެ ފެންތައްޓެއް ދެއްވުންކަމުގައިވިޔަސް، އެންމެ ރުފިޔާއެއް ދެއްވިކަމުގައިވިޔަސް ހެޔޮބަސްފުޅެއްކަމުގައިވިޔަސް، އެންމެފަހަރަކު މީހެއްގެ ސަކާކުރެއްވުންކަމުގައިވިޔަސް، ފެންބޮވައިގެންފައިވާ ކުއްތާއަކަށް ފެންދެއްވުންކަމުގައިވިޔަސް މިހިރީ ހައްތާވެސް ތިބާ ސުވަރުގެ ވެއްދެވުމުގެ ސަބަބަކަށްވެދާނެ ކަންކަމެވެ.

(ނުނިމޭ)