ރާއްޖެއަށް ދެ ބޭހެއް އެތެރެކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު ބުނީ، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ އޮންނަ ބޭހެއްކަމުގައިވާ ޓެލްމިސާޓަން ނުވަތަ ޓެލްސާޓާ 40ގެ ބެޗެއްގައި (2B151) މައްސަލަ އުޅޭ ކަމަށް އެ ބޭސް އުފައްދާ ކުންފުނިން ހާމަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ އުޅޭ ބެޗްގެ ބޭސް ރާއްޖޭގައި ނެތް ކަމަށް އެ އެޖެންސީން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ ޕާކިސްތާންގެ ފާމް އިވޯ ފާމަސޫޓިކަލްސްއިން އުފައްދާ، މިބޭހުގެ އެ ބެޗުގައި މުށި ކުލައިގެ ލައްތަކެއް ހުރުމާ ގުޅިގެން ސަބްސްޓޭންޑަޑް ޕްރޮޑަކްޓެއްގެ ގޮތުގައި ބޭހުގެ އެބެޗު އަނބުރާ ގެންދިޔުމަށް ޕާކިސްތާނުގެ ކަމާބެހޭ ވުޒާރާއިން އަންގާފައިވާ ކަމަށެވެ. އެހެންވެ، ރާއްޖެއިން ބޭރުން މި ބޭސް ގަންނަކަމުގައިވާނަމަ ބެޗު ނަމްބަރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެފްޑީއޭއިން ވަނީ ޑެފިބްރޯޓައިޑް ނުވަތަ ޑެފިޓެލިއޯގެ ބެޗެއްގައިވެސް ފޯލްސިފައިޑް ބެޗްތަކެއް ފެނިފައިވާތީ ސަމާލުވުމަށް އެދިފައެވެ. އެ ބާވަތުގެ ބޭހަކީ ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުން ހުއްދަ ކުރާ ބޭހެއް ނޫން ނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށްގެން ބޭނުން ކުރެއެވެ. އެހެންވެ، އެމްއެފްޑީއޭއިން ވަނީ ބޭހުގެ (19G19A) ބެޗްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ޑެފިޓެލިއޯ އަކީ ހެޕަޓިކް ވެނޯ-އޮކްލޫސިވް ޑިޒީޒް (ވީއޯޑީ) ނުވަތަ ސައިނޯސައިޑަލް އޮބްސްޓްރަކްޝަން ސިންޑްރޯމް (އެސްއޯއެސް) ބަލި ތަހައްމަލު ކުރަމުންދާ މީހުންނާއި ހެމަޓޮޕޮއިޓިކް ސްޓެމް ސެލް ޓްރާންސްޕްލާންޓް (އެޗްއެސްސީޓީ) އަށް ފަހު ޕަލްމޮނަރީ ޑިސްފަންކްޝަން ހުންނަ މީހުންނަށް ދޭ ބޭހެކެވެ.