(17 އޭޕްރީލްގެ އަދަދާ ގުޅޭ)
އަށްވަނަކަމަކީ މާތް اللّــــه ގެ މަގުގައި ދީލަތިފުޅުކަމާއެކު ޚަރަދުކުރެއްވުމެވެ. ހޭދަކުރެއްވުމެވެ. ނަމާދާ ވިދިގެން ދެން އެންމެ މަތިވެރި އަޅުކަމަކީ މާތް اللّــــه ގެ މަގުގައި ހޭދަކުރުމެވެ. ހޭދަކުރާންވީ އަރަހުށި މާތް اللّــــه އަޅުގަނޑުމެންނަށް ދެއްވައިފައިވާ ކޮންމެ އެއްޗެކެވެ. ވަގުތުކަމުގައިވިޔަސް ހަށިގަނޑާއި ފުރާނައިގެ ހަކަތައާއި ބުންވަރު ކަމުގައިވިޔަސްވެހެވެ. އެކަމަކު އެންމެ އިސްކަމެއްދޭންވީ މުދާ ހޭދަކުރުމަށެވެ. އެހެނީ ދުނިޔޭގައި އިންސާނާ އެ އެއްޗަކަށް އެންމެ ހިތްކިޔާ އެންމެ ދަހިވެތިވާ އެއްޗަކީ މުދަލެވެ. އެންމެ ދަހިލަވާ އެއްޗަކީ މުދަލެވެ. މުދަލުގެ ދަހިވެތިކަމާއި ދުނިޔޭގެ ދަހިވެތިކަމަކީ އިންސާނާގެ އެންމެބޮޑު ބަލިކަށިކަމެވެ. އެންމެ ޚާއްޞަ ބަލިފައެވެ.
އެންމެ ދީލަތިފުޅު އިންސާނަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ صـلّـــى اللّــــه عـلـيــه وســلّـــم އެވެ. އެމާތް ސާހިބާގެ ދީލަތިފުޅުކަން އެންމެބޮޑުވަނީ ރަމަޟާންމަހުގައެވެ. جــبـــــريـــل عـلــيـــه السّــلام އާ ބައްދަލުވެވަޑައިގަންނަވާ ދުވަސްވަރުގައެވެ. އެދުވަސްވަރު އިތުރު ސާހިބާގެ ދީލަތިފުޅުކަމުގެ ވަކިމިވެނި ހައްދެއް ނޯވެއެވެ. އެމާތް ސާހިބާގެ ދީލަތިފުޅުކަން ވާރޭހިފައިގެން އަންނަ ވައިރޯޅިޔެއްފަދަ ވެދެއެވެ. (ބުޚާރީ، މުސްލިމު: إبـــــن عــبّـــاس رضـــى اللّـــه عــنـــــه) އެދުވަސްވަރު ޤައިދީން މިނިވަންކުރައްވައެވެ. މީހުން އެދިދަންނަވާ ކޮންމެ އެއްޗެއް ދެއްވައެވެ.
އަރަހުށި މާތް اللّـــه سبحـــانــــه وتــعــــالــــى ވަނީ ތިބާ އެކަލާނގެ މަގުގައި ހޭދަކުރައްވާ ކޮންމެ އޮށްޓަރަކަށްވެސް ކޮންމެ ލޯލާރިޔަކަށްވެސް އޭގެ ދިހަގުނަ ދެއްވާނެކަމަށް ވަޢުދުކުރައްވައިފައެވެ. މީގެއިތުރަށް އެކަލާނގެ ވަޢުދުކުރައްވައިފައިވަނީ އެކަލާނގެ އިރާދަކުރައްވާ ފަރާތަކަށް އެއަށްވުރެވެސް މާގިނައިން ދެއްވާނެކަމުގައެވެ. މި ވަޢުދުފުޅު އައިސްފައިވަނީ ދުވަހަކުވެސް ދޮގުނުވާނެ އެކަލާނގެ ކަލާމްފުޅުގައެވެ. އެހެންކަމުން ވުނަކުރުމަކުން މިއަށްވުރެބޮޑު މަންފާލިބޭނެ ވުނަކުރުމެއް އޮންނާނެތޯއެވެ. ނުވަތަ ވުނަކުރެވޭނެ މިއަށްވުރެ މަންފާހުރި އެހެން ދާއިރާއެއް އޮންނާނެތޯއެވެ؟ ނުވަތަ ފައިދާވާނެކަމުގެ މިޔަށްވުރެބޮޑު ޔަޤީންކަމެއްއޮތް ވިޔަފާރިއެއް އޮންނާނެތޯއެވެ؟ ޝައްކެއްނެތެވެ. މިފަދަ ވުނަކުރެއްވުމަކަށްޓަކައި ރަމަޟާންމަހަށްވުރެ މުނާސަބު ދުވަސްވަރެއްވެސް ނޯންނާނެއެވެ. މިމަހުގައި އަދާކުރައްވާ ފަރުޟަކަށް ހަތްދިހަގުނަ އިތުރުކުރައްވައި ސަވާބުދެއްވާއިރު ސުންނަތުންވެސް ފަރުޟާ އެއްވަރަށް ސަވާބު ހޯއްދެވޭނެއެވެ.
މާތް اللّــــه ގެ މަގުގައި ހޭދަކުރުމަކީ ތަޤްވާވެރީންގެ ކިބައިގައި ހުރުން ލާޒިމު ސިފައެކެވެ. ތަޤްވާވެރިކަމުގެ އަސާސީ ޝަރްޠެކެވެ. މާތް اللّــــه ގެ މަގުގައި ހޭދަކުރުމަކީ އެކަމަކާނުލައި ތަޤްވާވެރިކަން ލިބިނުގަނެވޭނެ ކަމެކެވެ. ރަމަޟާންމަހު ހޭދަކުރެއްވުމުން އެހޭދަކުރެއްވުމާ ރޯދަޔާ އެކުވެގެން ތިބާގެ ތަޤްވާވެރިކަން ހޯއްދެވުމުގެ މަސައްކަތްޕުޅު ނަތީޖާ ލިބިވަޑައިގަންނަވާ ކަމަކަށްވުމަށް ބާރުއަޅައެވެ.
އެހެންކަމުން ރަމަޟާންމަހު ތިބާގެ މުށްޕުޅު ބާރުނުކުރައްވާށެވެ. ހުޅުއްވައިލައްވައިގެން ޚަރަދުކުރައްވާށެވެ. މާތް اللّــــه ދީން ޤާއިމުކުރުމުގެ މަސައްކަތަށެވެ. އެކަލާނގެ ދީން ތަބްލީޣުކުރުމުގެ މަސައްކަތަށެވެ. ގާތްތިމާގެފުޅު މީހުންނަށެވެ. ޔަތީމުންނަށާއި މިސްކީނުންނަށެވެ. މާތް اللّــــه ގެ މަގުގައި ކުރެއްވޭންއޮތް އެންމެގިނަ ޢަދަދަކަށް މިކަންކަމަށް ހޭދަކުރައްވާށެވެ. ރޯދަޔަށް ހުންނަވައި ހައިހޫނުކަމާއި ކަރުހިއްކުމުގެ އުނދަގޫ ތަޙައްމަލުކުރައްވާއިރު ކުޑައިކޮށް އަތްޕުޅުމަތި ދަތިފުޅުވިޔަސް އެކަމާ ރުހިވަޑައިގެން ހޭދަކުރައްވާށެވެ. މުހިންމުކަމަކީ ކުރައްވާ ކޮންމެ ހޭދައެއްވެސް اللّــــه އަށްޓަކައި ކުރެއްވުމެވެ. މީހެއްގެ އަނގައިން ނުކުމެދާނެ ހެޔޮބަހަކަށް ނުވަތަ މީހަކުލައްވައި ޝުކުރިއްޔާއެވެ ބުނުވަން ވިސްނައިވަޑައިނުގަންނަވާށެވެ. އެކަމުގެ ކުޑަވެސް މުހުތާދެއް ހިތްޕުޅުގައި ނުބާއްވަވާށެވެ. "لاَنَــــرِيـــدُ مِــنْــكُـــــمْ جَــــــزَاءً وَلاَ شُـكُـــورًا" އެހެންނޫނީ ތިބާގެ ވުނައާއި އޭގެ މަންފާއާއި ތިބާގެ ވަގުތުދާނީ ބޭކާރުވެގެންނެވެ.
(ނުނިމޭ)
ރޯދަމަސް
ރޯދަމަސް
ރޯދަމަސް
ރޯދަމަސް