ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުން ސިއްރުން ފޯނު ބޭނުންކޮށްގެން ކުރާ، ސްކޭމްފަދަ ކުށްތައް ހުއްޓުވުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް ޖަލުގައި ބޭނުންކުރި 431 ނަމްބަރެއް ބްލޮކްކޮށް 365 އައިއެމްއީއައި ބްލެކްލިސްޓްކޮށް އަދި 10 އައިޕީ އާއި 12 ވެބްސައިޓެއް ބްލޮކްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) ކުރެއްވި އުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން ބޮނޑޭ ވިދާޅުވީ، ޖަލު ގޮޅިތަކަށް ސިއްރުން ފޯނު ވައްދައިގެން ބޭންކްތަކާއި އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި އާންމު ރައްޔިތުންނަށް އޮޅުވާލައިގެން "ފައިސާ ފޭރޭ ކޯލް ސެންޓަރު" ހިންގަން ބޭނުންކުރާ އިރު، އެ ފޯނު ނަމްބަރުން ކުރާ މައުލޫމާތުތައް ނެގުމަށް ބޭނުންކުރާ އެންޓަނާގެ ވަސީލަތުން އެ މައުލޫމާތު ނެގޭގޮތަށް ހުރި ނަމަވެސް ތަހުގީގީ އިދާރާތަކަށް އެ މައުލޫމާތު ހިއްސާ ނުކުރާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.

އެހެންކަމުން އެފަދަ އެންޓަނާއެއް ޖަލު ސަރަހައްދުގައި ޖަހާފައިވޭތޯ އާއި ޖަލުން ކުރާ ފޯނުތަކުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހިއްސާކުރަން އެދިފައިވާނަމަ، އެ މައުލޫމާތު ހިއްސާ ނުކުރަނީ ކީއްވެތޯ އާއި އަދި ޖަލުތެރޭގައި ހިންގާ ކަމަށް ބުނާ ކޯލްސެންޓަރު ހިންގުން ހުއްޓުވަން މިހާތަނަށް ކުރެވުނު މަސައްކަތަކީ ކޮބައިތޯ އޮޅުންފިލުއްވުމަށް މެންބަރު ވަނީ މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ މާފުށި ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުން ސިއްރުން މޯބައިލް ފޯނު ބޭނުން ކޮށްގެން ހިންގާ އެކިއެކި ކުށްތައް ހުއްޓުވުމަށް އެ ސާވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ކުރި މަސައްކަތުން މާފުށީ ޖަލު ސަރަހައްދުގައި މިއަހަރު އެންޓަނާއެއް ހަރު ކޮށްފައިވާ ކަމަށެވެ.

މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި ބޭނުންކުރާ މޯބައިލް ފޯނާ ގުޅޭ މައުލޫމާތުތައް އެ އެންޓަނާ މެދުވެރިކޮށް ޖަމާކުރެވޭ ކަމަށާއި ނަމަވެސް އެ މައުލޫމާތުތައް ޖަމާކުރެވެނީ ނެޓްވާކް އޮޕަރޭޓަރުންގެ ސާވާތަކަށް ކަމުން އެ މައުލޫމާތުތައް ހޯދަން ޖެހެނީ އެފަރާތްތައް މެދުވެރިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

"ޖަލުތެރޭގައި ގައިދީން ބޭނުންކުރާ ނަމްބަރުތަކާއި އަދި އެހެނިހެން ނަމްބަރުތައް ވަކި ކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުން ބޭނުންކުރާ ފޯނުތަކާއި ފޯނު ނަމްބަރާ ގުޅޭ އެންމެހާ މައުލޫމާތު ދަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާ ކުރަމުން، އަދި މިއިން މައުލޫމާތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަންވެސް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ދިވެހި ފުލުންގެ ހިދުމަތަށްދަނީ ހިއްސާ ކުރަމުން،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުން ސިއްރުން މޯބައިލް ފޯނު ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްޝަން ސާވިސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް "ޖަލުގައި ބޭނުންކުރި 431 ނަމްބަރެއް ބްލޮކްކޮށް 365 އައިއެމްއީއައި ބްލެކްލިސްޓްކޮށް އަދި 10 އައިޕީއާއި 12 ވެބްސައިޓެއް ބްލޮކް ކުރެވިފައިވާ،" ކަމަށެވެ.

މީގެ އިތުރުން ޖަލުތެރޭގައި މިފަދަ ކަންކަން ކުރާ ކަމަށް ފާހަގަކުރެވޭ ގައިދީން އެކަހެރިކޮށް އެފަދަ ގައިދީން ތިބޭ ގޮޅިތައް ރެއިޑްކޮށް، މުވާސަލާތީ އާލާތްތައް އަތުލައިގަނެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.