މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކޮށްފިއެވެ.

މިދިޔަ ތިން ދައުރު ނުވަތަ 14 އަހަރުވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ އިބްރާހިމް ރިޒާއެވެ. އެ ގޮނޑި ހުސްވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކެންސަރު ބަލީގައި ރިޒާ އަވަހާރަވުމުންނެވެ.

މި އިންތިހާބުގައި ޝާޒްއާ ވާދަކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާއާއި އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އަރީފެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދުއާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުއްދީން ސްކޫލުގައިވެސް ވޯޓު ފޮށި ބެހެއްޓި އިރު، ގުރައިދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށި ފިޔަވާ ހުރިހާ ފޮއްޓަކުންވެސް ކުރި ހޯދީ އެމްޑީޕީގެ ކެންޑިޑޭޓް ޝާޒެވެ. އެ ފޮށިން ކުރި ހޯދީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެވެ.

އެހެންކަމުން މިހާތަނަށް ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޝާޒެވެ. އޭނާގެ ކާމިޔާބީ ފާހަގަކޮށް އުފާ ފާޅުކުރަމުންދާއިރު، އެމްޑީޕީން ވަނީ ޝާޒް މިއަދު ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވައިފައެވެ. އަދި ދާއިރާގެ ޕާޓީގެ މެމްބަރުންނާއި ލީޑާޝިޕްގެ ބޭފުޅުން ކުރެއްވި ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.