ގދ. ފަރެެސްމާތޮޑާ އެއާޕޯޓު ސަރަހައްދުގައި ގެސްޓްހައުސް ހިންގުމުގެ ފުރުސަތު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އިން ހުޅުވާލައިފިއެވެ.

ރީޖަނަލް އެއާޕޯޓްސްއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން [email protected] އަށް މެއިލް ކުރަންވާނެ ކަމަށާއި ގެސްޓް ހައުސް ހިންގުމަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ.

އެ ކުންފުނިން އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް ހިންގުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 18 ބިލެއް ކަމަށާއި އެ ބިމުގެ ބޮޑު މިނުގައި 18،000 އަކަފޫޓް ހުންނާނެ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ހެދި ފަރެސްމާތޮޑާ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔާ ޕެޑް އަދި ފަޔަ ރޯޑެއްގެ އިތުރުން ފަޔަ ސްޓޭޝަނެއްވެސް ހަދާފައިވެއެވެ. މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހިންގަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ހަވާލުކޮށްފައިވާ އިރު، އެ އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ހަފުތާއަކު ދެ ފްލައިޓު ބާއްވާނެއެވެ.