މެދުއިރުމަތީގައިވާ އިގްތިސާދީ އެންމެބޮޑު ބާރަކީ ސައޫދީ އަރަބިޔާއެވެ. ސައޫދީ އަރަބިޔާގެ ސިޔާސަތަށް ގެންނަ ކޮންމެ ބަދަލެއްގެ އަސަރު މުޅި ސަރަހައްދަށްވެސް ފޯރައެވެ. ފޯރާނެއެވެ. އެގޮތުން އެގައުމުގެ ޚާރިޖީ ސިޔާސަތަށް ދާދިފަހަކުން ގެނެސްފައިވާ ބޮޑު ބަދަލުގެ ނަތީޖާ މިހާރުވެސް ވަނީ ފެންނަން ފަށައިފައެވެ. މިހާތަނަށް ސައޫދީ އަރަބިޔާ އޮތީ އެމެރިކާ ބުނީމާ ބުނާހާކަމެއް ކުރާ ގައުމެއްގެ ގޮތުގައެވެ. އެމެރިކާއަށް ބަރޯސާކުރާ އަދި ތަބާވާ އިޚުލާސްތެރި ބައިވެރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރު އެގޮތް ބަދަލުކޮށްފިއެވެ. ސައޫދީ އަރަބިޔާގެ މިހާރުގެ ސިޔާސަތަކީ އެގައުމުގެ އަމިއްލަ މަސްލަހަތާއި ސަރަހައްދުގެ މަސްލަހަތަށް އެންމެ ފައިދާކުރަނިވި ގޮތަކަށް ކަންކަން ކުރުމުގެ ސިޔާސަތެވެ. ނިންމުމުގެ ސިޔާސަތެވެ. ދެލޯ މަރައިގެންތިބެ އެމެރިކާއަށް ތަބާވުން ދޫކޮށްލުމުގެ ސިޔާސަތެވެ.

ސައޫދީ އަރަބިޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ވަނީ އޭނާގެ ޚާރިޖީ ސިޔާސަތުގެ އަސާސްތައް ދާދިފަހަކުން ސަރުކާރުގެ ވެރިންނަށް ވިދާޅުވެދެއްވައިފައެވެ. އޭނާ ވިދާޅުވިއެވެ. އެމެރިކާ ރުއްސަން އުޅުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ރުހެންޏާ ރުހެންވީއެވެ. ނުރުހުނަސް ފަރުވާލެއްނެތެވެ. އެމެރިކާ ބުންޏަސް ދެން ކަމެއްކުރެވޭނީ ބަދަލުގައި އެމެރިކާއިން އެވަރުގެ ނުވަތަ އެއަށްވުރެ ބޮޑުކަމެއް ކޮށްދެންޏާއެވެ. އެއްކޮޅަށް ހިނގުން ނިމުނީއެވެ. ޕްރިންސް މުހައްމަދުގެ މި ސިޔާސަތުގެ ސަބަބުން އެމެރިކާ އާއި ސައޫދީ އަރަބިޔާގެ ގުޅުން ވަނީ ދުވަހަކުވެސް ގޯސްނުވާ މިންވަރަށް ގޯސްވެފައެވެ. ގުޅުން ގޯސްވުމަކީވެސް ޕްރިންސް މުހައްމަދު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ނޫނެވެ. ފަރުވާލެއް ބަހައްޓަވާ ކަމެއް ނޫނެވެ.

ސައޫދީ އަރަބިޔާ އާއި އެމެރިކާގެ ގުޅުން ހީނަރުވާންފެށީ އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑެން ވަޑައިގެންނެވި ހިސާބުންނެވެ. އޭގެކުރިން ވެރިކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕާއި ސައޫދީ ވަލީއަހުދު ޕްރިންސް މުހައްމަދަކީ ވަރަށްވެސް ގާތް ދެއެކުވެރިންނެވެ. ޕްރިންސް މުހައްމަދު ވިދާޅުވިކަމަށް ބުނެވެއެވެ. ރައީސް ބައިޑެން ހީފުޅުކުރައްވާނެ ގޮތަކަށް ހީފުޅުކުރެއްވިއަސް ފަރުވާލެއްނެތެވެ. ސައޫދީ އަރަބިޔާއަކީ އެމެރިކާގެ އަޅެއް ނޫނެވެ. ސައޫދީ އަރަބިޔާގައި ހުންނަވާ އެމެރިކާގެ ސަފީރަށް އެއްދަހަރު ޕްރިންސް މުހައްމަދު ވިދާޅުވިއެވެ. އެމެރިކާއިން ކަންކަން ކުރަންޖެހޭގޮތާއި ހެވާއި ނުބައި ބުނެދިނުމަކީ ސައޫދީ އަރަބިޔާއަށް ލިބިގެންވާ ހައްގެއް ނޫނެވެ. ހަމައެބީދައިން ސައޫދީ އަރަބިޔާގެ ކަންކަމާއިބެހި ގޮތްކިޔުމަކީ އެމެރިކާއަށްވެސް ލިބިގެންވާ ހައްގެއް ނޫނެވެ. އެވަރު ކަލޭމެންވެސް ދަންނަންވާނެއެވެ.

ސައޫދީ އަރަބިޔާއާއި އެމެރިކާގެ ގުޅުމަކީ ސައޫދީ ރަސްކަމުގެ ބާނީ އަބްދުލްއަޒީޒުގެ ދައުރުން ފެށިގެން ދެގޮތެއްނުވެ މިހާތަނަށް ދެމިގެން އައިސްފައިވާ ގުޅުމެކެވެ. ސައޫދީ އަރަބިޔާއަށް ހަތިޔާރު ވިއްކަނީ އެމެރިކާއިންނެވެ. ސައޫދީ އަރަބިޔާގެ ދިފާއަށް ޖާމިނުވެގެން އޮތީވެސް އެމެރިކާއެވެ. އެމެރިކާގެ ކޮންމެ ހަތުރަކީ ސައޫދީ އަރަބިޔާގެވެސް ހަތުރެކެވެ. އެމެރިކާ ސިފައިން އިރާގަށް އަރައިގަތުމަށް ބޭނުންކުރި ފާލަމަކީވެސް ސައޫދީ އަރަބިޔާއެވެ. ސައޫދީ އަރަބިޔާގެ އެކިކަންކޮޅުތަކުގައި އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިންވެސް ތިބެއެވެ. މިހުރިހާކަމެއް މިގޮތަށް ހުރުމާއެކު އެމެރިކާއާ ދުރަށް ޖެހިލުމަކީ ސައޫދީ އަރަބިޔާއަށް ފަސޭހަކަމެއް ނޫނެވެ. އެއީ ވަރަށް ދަތިކަމެކެވެ. އެހެންނަމަވެސް ދުނިޔޭގެ ވަޔާއިއޮއި މިހާރު ހުރިގޮތަށް ބަލައިފައި މި ނިންމުން ނިންމަން ސައޫދީންނަށް މަޖުބޫރެވެ.

ސައޫދީ އަރަބިޔާއާއި އެމެރިކާގެ ގުޅުންތަކުގެ ބިންގަލަކީ މީގެ 78 އަހަރުކުރިން ސުއޭޒް ކެނަލްގައި އެމެރިކާގެ މަނަވަރެއްގައި ރައީސް ރޫޒްވެލްޓާއި ސައޫދީ ރަސްގެފާނު އަބްދުލްއަޒީޒު ބޭއްވެވި ތާރީޚީ ބައްދަލު ކުރެެއްވުމެވެ. އޭގެމަތީގައި ބަދަހިކުރެވިފައިވާ ގުޅުމުގެ ފައިދާ ނަގަމުންއައީ މުޅިންވެސް އެމެރިކާއިންނެވެ. ސައޫދީ އަރަބިޔާއިން ބޭނުންވި އެއްވެސްކަމެއް ހާސިލްކޮށްދިނުމަށް އެމެރިކާއަކުން އެއްވެސްކަމެއް ކޮށްފައެއް ނެތެވެ. މީގެ މިސާލަކީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައެވެ. ސައޫދީ އަރަބިޔާ މިހާތަނަށްވެސް އޮތީ އަދި އޮންނަނީ އެމެރިކާ ބުނީމާ ބުނާކަމެއް ފުރިހަމަކޮށްދޭ ގައުމެއްގެ ގޮތުގައެވެ. މިކަން މިމަގުން ހިނގަމުން އަންނަތާ 78 އަހަރުވީފަހުން ދުނިޔޭގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. އޮޔާއިވައި ބަދަލުވެއްޖެއެވެ.

ދުނިޔޭގައި އެމެރިކާގެ އާރާއިބާރަށް މިހާރުވަނީ ލޮޅުންތަކެއް އަރައިފައެވެ. ދުނިޔޭގެ އިގްތިސާދީ ބާރެއްގެ ގޮތުގައި ޗައިނާ ތެދުވެ ހިންދެމިލައިފިއެވެ. އެހެންވީމާ ސައޫދީ އަރަބިޔާއިން މި ހަގީގަތަށް އިއުތިރާފުވެ އެގައުމުގެ ސިޔާސަތަށް ބަދަލުތަކެއް ގެނައީއެވެ. އީރާނާ އަލުން ގުޅުންވެސް ގާއިމުކުރީއެވެ. ޗައިނާއަށް ސައޫދީ މާކެޓްވެސް ހުޅުވައިލީއެވެ. މިއަދު ސައޫދީ އަރަބިޔާގެ ތެޔޮ އެންމެ ގިނައިން އިމްޕޯޓްކުރާ ގައުމަކީ އެމެރިކާއެއް ނޫނެވެ. ޗައިނާއެވެ. ސައޫދީ އަރަބިޔާގައި އެންމެ ގިނައިން އިންވެސްޓްކުރާ ގައުމަކީ އެމެރިކާއެއް ނޫނެވެ. އެގައުމަކީ ޗައިނާއެވެ. މިކަންކަން މިހެންއޮތީމާ ސައޫދީ އަރަބިޔާގެ ސިޔާސަތަށް ބަދަލު ގެންނަން މަޖުބޫރުވެސްވީއެވެ. އެމެރިކާ ހީކުރާނެގޮތަކަށް ހީކުރާން ދޫކޮށްލައިފައި އަމިއްލަވަންތަ ސިޔާސަތެއް އިޚުތިޔާރުކުރީއެވެ.