ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހިންގާތީ ސަމާލުވުމަށް ރައީސް އޮފީހުން އެދިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ސޯލިހުގެ އަސްލު އިންސްޓަގްރާމް އެކައުންޓް އަދި ފޭކު އިންސްޓްގަރާމްގެ އެކައުންޓުގެ ލިންކު ޓުވީޓު ކުރައްވައިފައެވެ. އެގޮތުން ރައީސް ސޯލިހުގެ އިންސްޓަގްރާމް އެކައުންޓަކީ 'ibusolih' ކަމަށާއި '_ibusolih' ގެ ނަމުގައި ހިންގަނީ ސައްހަނޫން އެކައުންޓެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

ފޭކް އިންސްޓަގްރާމް އެކައުންޓުގެ ފޮޓޯއެއް ހިއްސާ ކުރައްވައި މިއުވާން ރައީސްގެ ނަމުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގަމުންދާ ކަމަށާއި އެ އެކައުންޓަކީ ރައީސް ސޯލިހު ގެންގުޅުއްވާ ނުވަތަ އެންޑޯޒް ކުރައްވާ އެކައުންޓެއް ނޫން ކަމަށެވެ.

ރައީސް ސޯލިހުގެ ނަންފުޅުގައި ހަދާފައިވާ ފޭކު އެކައުންޓުގައި 10،000 އަށްވުރެ ގިނަ ފްލޯވާސް އެބަތިއްބެވެ. އެ އެކައުންޓުން އެންމެ ފުރަތަމަ ފޮޓޯއެއް އަޕްލޯޑް ކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. ފޭކު އެކައުންޓުން ރައީސް ސޯލިހުގެ އަސްލު އެކައުންޓުގައި ޕޯސްޓު ކޮށްފައިވާ ހުރިހާ ފޮޓޯއެއް ޕޯސްޓުކޮށްފައެވެ.

ރައީސް ސޯލިހުގެ އަސްލު އެކައުންޓުގައި 11،000 ފްލޯވަރުން އެބަތިއްބެވެ. ރައީސް ސޯލިހު 32 ބޭފުޅަކު ފްލޯކުރައްވައެވެ. ރައީސް ސޯލިހު އެންމެ ފުރަތަމަ އިންސްޓްގަރާމްގައި ފޮޓޯއެއް ހިއްސާ ކުރައްވާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެ ފޮޓޯއަކީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މަޝްހޫރު ޕާކެއް ކަމަށްވާ ހައިޑްޕާކުގެ ފޮޓޯއެކެވެ.