ޚަބަރު

ސަޕްލަޔަރުންނަށް ފައިސާ ނުދައްކާ ކަމަށްބުނެ ފެނަކަ ކުރިމަތީގައި މުޒާހަރާކޮށްފި

މުހައްމަދު އިޝާން

ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ ބޭނުމަށް ސަޕްލަޔަރުން އަތުން ނެގި މުދާތާކަށް ފައިސާ ނުދޭ ކަމަށްބުނެ ފެނަކަ ކުރިމަތީގައި ސަޕްލަޔަރުން މުޒާހަރާކޮށްފިއެވެ.

ސަޕްލަޔަރުން މުޒާހަރާކޮށްފައިވަނީ މިއަދު ހެނދުނެވެ. އެ މުޒާހަރާގައި ފަސް ވަރަކަށް މީހުން ވަނީ ބައިވެރިވެފައެވެ.

އެ މައްސަލައާ ގުޅޭގޮތުން ފެނަކައިގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ގުޅުމުން ފޯނަށް ޖަވާބުދެއްވާފައިނުވާތީ ވަނީ ބަހެއް ލިބޭ ގޮތް ނުވެފައެވެ.

މިފްކޯގެ އައިސް ޕްލާންޓުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު އޭނާ ފެނަކައާ ހަވާލުވެލެއްވި އިރު، އެ ކުންފުނީގައި 1.4 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވެފައިވަނީ ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުގައިވެސް އެ މަޝްރޫއުތައް ހިންގަމުންވެސް ފެނަކައިން ދިޔައީ ބަރާބަރަށް ދަރަނި ދައްކަމުން ކަމަށާއި ކުރިން ދަރަނިވެފައިވާ އަދަދު ހިމެނޭ ގޮތަށް މިހާތަނަށް 60 ޕަސެންޓް ދައްކާފައިވާނެ ކަމަށެވެ. އަދި މިހާރު ކުންފުނީގެ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ 1.2 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ސަޕްލަޔަރުންނަށް ފައިސާ ދެވިފައިނުވަނީ ކުންފުނިން ދައްކަންޖެހޭ ދަރަނި ބޮޑުވުމުގެ ސަބަބުންކަމަށް ބެލެވެއެވެ.

ފެނަކައިގެ ދަރަނި ބޮޑުވެފައިވާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ މީގެ ކުރިން ފާޅުކޮށްފައެވެ.