ދައުރު ނޫހުގެ ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ ދައުރުގެ ނޫސްވެރިންގެ ތެރޭގައި ހިމެނޭ އަދި މޯލްޑީވްސް ޖާނަލިސްޓް އެސޯއިއޭޝަން (އެމްޖޭއޭ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް އަށާއި އަދި އެނޫހުގެ ސީނިއާ އެޑިޓަރަކަށް އެކި ނަމްބަރުތަކުން ގުޅައި އަދި މެސެޖުކޮށް އިންޒާރު ދީފައިވާ ކަމަށެވެ.

އެފަރާތަށް އެގޮތަށް މަރުގެ އިންޒާރުދީފައި ވަނީ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމާއި ހިލްޓަން މައްސަލައާ ގުޅޭގޮތުން އެ ނޫހުގައި ލިޔެފައިވާ އާޓިކަލަކާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން "ދިން މަރުގެ އިންޒާރުގެ ބަސްތަކުގެ ތެރޭގައި މަގުމަތިން ދިމާކޮށްލާނެ ކަމަށާއި ފުރާނަ ދުއްވާލަންވެސް ފަސް ނުޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް އެ ނޫސްވެރިން ބުނުމާއި އެގޮތުން ދިން އިންޒާރުގެ ޓެކްސްޓް މެސެޖުތަކެއް އެ ނޫސްވެރިން ހާމަކޮށްފައިވީ ހިނދު، އަދި މި ދެންނެވި ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލަކީ މިހާރު މިއޮތް ސަރުކާރާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދެވަނަ ދައުރަކަށް ކޯލީޝަން ހެދުމަށް ނިންމާފައިވާ އެމްޑީއޭގެ ލީޑަރު ދ. މީދޫ މަޖިލިސް މެންބަރު އަމުހަރު ސިޔާމު މުހައްމަދާ ގުޅުން އޮތް މައްސަލައެއް،" ކަމަށްވެސް ވިދާޅުވިއެވެ.

ދައުރުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދީފައިވާ އިރު، މީގެ ކުރިން ވެސް ނޫސްވެރިންނަށް ދީފައިވާ މަރުގެ އިންޒާރުތަކާއި ނޫސްވެރިން ވަގަށް ނެގުމާބެހޭ މައްސަލަތަކުގެ ތަހުގީގެއް ހިންގައި އިންސާފު ގާއިމް ކޮށްދެވިފައިނުވާ ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ނޫސްވެރިންނަށްދޭ އެފަދަ މަރުގެ އިންޒާރުތަކަށް ސަރުކާރުން ސަމާލުކަންދިނުމާއެކު ވީހާވެސް އަވަހަކަށް އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގައި މި މައްސަލަ މިއަދު ކުރިޔަށް ގެންދިޔަ އިރު، މި މައްސަލައިގައި ސިޔާމްގެ ފަރާތުން އިއްޔެ ވަނީ ބަޔާނެއް ނެރުއްވައިފައެވެ. އެ ބަޔާނުގައި ވަނީ "ދައުރު" ނޫހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ދޮގު ކޮށްފަ އެވެ. އެރިޕޯޓަކީ ސިޔާސީ ގޮތުން ކަތިލުމަށާއި ވިޔަފާރިއަށް ގަސްދުގައި ގެއްލުން ދިނުމަށް ލިޔެފައިވާ ރިޕޯޓެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ރިޕޯޓަކީ ކަމުގެ ހަގީގަތް ވަރަށް ބޮޑަށް އޮޅުވާލައި ހަމަ އެކަނި ހިލްޓަންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ނިޔަތުގައި، ލިޔެފައިވާ ރިޕޯޓެއް ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.