މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އާސަންދައިގެ ބަޖެޓްގެ 60 ޕަސެންޓް ހޭދަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މާޗް މަހުގެ ނިޔަލަށް އާސަންދައިން 628 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އާސަންދައިގެ ބަޖެޓްގެ ގޮތުގައި މިއަހަރަށް ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާއެވެ.

މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު ގާތްގަނޑަކަށް ދެ ގުނަ ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައިގެ ބަޖެޓުން ވަނީ 448.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި މިދިޔަ އަހަރު އާސަންދައަށް 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެ އިތުރުން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ 54 ޕަސެންޓް ވަނީ ހޭދަކޮށްފައެވެ. އެގޮތުން މިއަހަރު ފުރަތަމަ ތިން މަހު ސަބްސިޑީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ބަޖެޓްގެ ގޮތުގައި މިއަހަރަށް ކަނޑައަޅާފައިވަނީ 2.3 ބިލިއަން ރުފިޔާއެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު، ގާތްގަނޑަކަށް ދެގުނަ ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ސަބްސިޑީގެ ގޮތުގައި ހޭދަކޮށްފައިވަނީ 788.8 މިލިއަން ރުފިޔާއެވެ.

އާސަންދައަށް ކުރާ ހޭދަ ބޮޑުވުމުގެ ސަބަބުން ސިޔާސީ ބައެއް ފަރާތްތަކުންނާއި މާލީ އިދާރާތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސަރުކާރުން އާސަންދައަށް ކުރާ ހޭދަ ބޮޑުވެ، މިދިޔަ ފެބްރުއަރީ މަހު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ނަމަވެސް ސަރުކާރުން ވަނީ އާސަންދައަށް ކުރާ ހޭދަ ބޮޑު ނޫން ކަމަށް ބުނެފައެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖޭން އާސަންދަ އާއި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރަން ލަފާދީފައެވެ. އެއީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ބަޖެޓްގައި އާސަންދަ އާއި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައިވީ ނަމަވެސް ސަރުކާރުން މިހާތަނަށް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.