ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖެއިން ރުބެއްލާ ބަލި ނައްތާލުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) އަށް 75 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައިވަނީ ރުބެއްލާގެ އިތުރުން 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީބީވެސް ނައްތާލަން ކަމަށެވެ. އަދި ލެޕްރެސީ ބަލި ވެސް ރާއްޖެއިން ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ބޮޑެތި ބައެއް ބަލިތައް ނައްތާލެވި ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިއްޖެ. މެލޭރިއާ އާއި ހިމަބިހި، ޕޯލިއޯ އަދި ރުބެއްލާ ފަދަ ބަލިތަކަށް ވެކްސިންގެ ކަވަރޭޖް ލިބިއްޖެ. މި ދެންނެވުނު ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުން ނިމުމަކަށް ގެނެވިފައިވީ ނަމަވެސް، ހައްލު ހޯދަން ޖެހޭ ކަންކަން އެބަހުރި. އަމާޒަކީ 2023 ވަނަ އަހަރު، މިއަހަރު ރުބެއްލާވެސް ރާއްޖެއިން ފޮހެލުން. 2025 ގެ ނިޔަލަށް ދިވެހިރާއްޖެއިން ޓީބީ ނައްތާލުން. އަދި ފިޔަވަހިތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން ލެޕްރަސީ ވެސް މުޅިން ފޮހެލުން،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ޑަބްލިޔުއެޗްއޯ އުފެދުނުފަހުން ފާއިތުވި 75 އަހަރަކީ އޭގެ ކުރިން ތަހައްމަލު ކުރަމުންދިޔަ ބޮޑެތި ބަލިތައް އެއްފަރާތް ކޮށްލެވުނު އަހަރުތަކެއް ކަމަށެވެ. މީގެ ކުރިން ބަލި ޖެހުމުން މީހަކު އެކަހެރި ކުރުމަކީ އެމީހަކު މަރުވަންދެން އެކަހެރި ކުރުން ކަމަށާއި އެ ހާލަތުން މިހާރު އަރައިގަނެވުމަކީ 75 އަހަރުގެ ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

އެފަދަ ހުރިހާ ކަމެއްގައި ދުނިޔެއިން ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން ހޯދާފައިވާނެ ކަމަށާއި ރާއްޖެއިން މިހާރު ވަނީ ބޮޑެތި ބަލިތަކެއް ނައްތާލެވިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.