އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ހިލޭ ތަރުކާރީ އާއި މޭވޭ ޑެލިވަރީކުރުމުގެ ހިދުމަތް ފަށައިފިއެވެ.

އުރީދޫން މިއަދު ބުނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި މޫލީގެ އެ ކެޓަގަރީއަކީ މި ރޯދަ މަހު ގޭގައި ތިބެގެން ލޯކަލް މާރުކޭޓުން ލިބޭ ތާޒާ މޭވާ އާއި ތަރުކާރީ އޮންލައިންކޮށް ގަނެ، ގެއާ ހަމައަށް މުޅިން ހިލޭ ލިބުމުގެ ފަސޭހަ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ތައާރަފުކުރި ކެޓަގަރީއެއް ކަމަށެވެ.

މޫލީ މާކެޓަކީ މި ރަމަޟާން މަހު ފިހާރަތަކާއި މާރުކޭޓުތަކުގައި ކިޔޫގައި ނުޖެހި ބާޒާރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ޕްލެޓްފޯމަކަށްވާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

މޫލީ މެދުވެރިކޮށް ލިބެން ހުންނަ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ލުނބޯ، ފިޔާ، ހިކަނދިފަތް، ކެބެޖް، އަލަނާސި، ބަރަބޯ އިނގުރު، ފެހި މިރުސް ހިމެނެވެ.

"މޫލީ މާކެޓުގައި ލިބެން ހުރި ތަރުކާރީ އާއި މޭވާ ހޯދަނީ ލޯކަލް މާރުކޭޓްގައި ވެސް ވިޔަފާރި ކުރާ ފަރާތްތައް ކަމަށްވާ ހެބިޓަސް ފްރެޝް އަދި އެގްރިޒާ މޯލްޑިވްސް ފަދަ ވިޔަފާރިތަކުން. މާލޭގެ މާރުކޭޓުގައި މޭވާ އާއި ތަރުކާރީ ލިބެން ހުރި ހެޔޮ އަގުގައި މޫލީ މެދުވެރިކޮށް ވިޔަފާރި ކުރެވޭ އިރު، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގްރޭޓާ މާލެ ތެރޭގައި ގެއާއި ހަމައަށް މުޅިން ހިލޭ ޑެލިވަރީގެ ހިދުމަތް ލިބުމަކީ ކަސްޓަމަރުންނަށް ލިބިގެންދާ އިތުރު ލުޔެއް،" އުރީދޫން ބުންޏެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ ކަސްޓަމަރުންނަށް ކިއުގައި ނުޖެހި ކޮންމެތަނަކުންވެސް ފަސޭހަކަމާ އެކު ބާޒާރުކޮށްލުމުގެ ތަޖުރިބާއެއް ހޯދައިދިނުމުގެ ވިސްނުމާ އެއްގޮތަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ތައާރަފުކުރުމަކީ ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ. މޫލީ މާކެޓާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލޯކަލް މާރުކޭޓުން ތާޒާ މޭވާ އާއި ތަރުކާރީ އޯޑަރުކޮށް، ގެއަށް ހިލޭ ޑެލިވަރީ ކުރުމުގެ ފަސޭހަ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މޫލީ މާކެޓަކީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށާއި ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ތަސައްވުރާ އެއްގޮތުގެ މަތިން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފުކުރެވުނު ހިދުމަތެއް. ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫ އިން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫން ބުނީ ލޯކަލް މާރުކޭޓުގެ ވިޔަފާރިތަކަށް، އެ ވިޔަފާރިތަކުގެ މުދާ މޫލީގައި ލިސްޓު ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށާއި މޫލީ މާކެޓާ ގުޅެން ބޭނުންވާ ވިޔަފާރިތަކުން [email protected] މެދުވެރިކޮށް އިތުރު މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.

​​މޫލީ މާކެޓް މެދުވެރިކޮށް ވިޔަފާރިކުރުމަށް http://ore.do/markettodoorstep ޒިޔާރަތްކޮށް އޯޑަރު ކުރެވޭނެ ކަމަށާއި ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މޫލީ މެދުވެރިކޮށް ވިޔަފާރިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.