މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާ ދެކޮޅަށް މަސައްކަތް ނުކުރާހާ ހިނދަކު، ސިޔާސީ މަގާމަކުން އެއްވެސް ބޭފުޅަކު ވަކި ނުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ އިރު، އެ ޕާޓީއާއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ ދަނީ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތުގައި އިސްކޮށް މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ވަނީ ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައެވެ.
އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކުރެއްވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އިތުރުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ ހާރޫން ރަޝީދު ވަނީ މަގާމުން ވަކިކޮށްފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ، މި ސަރުކާރުން އެއްވެސް ބަޔަކަށް ވަޒީފާގެ ބިރު ނުދައްކާ ކަމަށެވެ.
ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށާއި އެބޭފުޅުންގެ މަސައްކަތަކަަށް ވާންވާނީ ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ރައީސް ހަވާލުކުރައްވާ މަސައްކަތްތައް ކުރުން ކަމުގައި ފާހަގަކުރައްވައި މިއުވާން ވިދާޅުވީ، އެ ބޭފުޅުން ވަކިކުރުމުގެ ފުރިހަމަ ބާރު ރައީސަށް އޮންނަ ކަމަށެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާނަމަ މަގާމުން ވަކިކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މީގެ އަނެއް ކަމަކީ ހެނދުނު ނުކުމެ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން އުޅެފައި ރޭގަނޑު އެއް ފިކުރެއްގެ މީހުންނާއެކު ނުކުމެ، ހެނދުނު ތަންފީޒުކުރަން އެ އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަދައްކާ ކަމަށްވަންޏާ އެއީ އެއްގޮތަށް ދަންނަވާ ނަމަ ސިޔާސީ ގޮތުން ލޯ ނުހުޅުވެނިއްޔޭ ނުވަތަ އެ މަގާމުގައި ބޭފުޅަކު ހުރުމުގެ ބޭނުން ކެނޑެނިއްޔޭ،" މިއުވާން ވިދާޅުވިއެވެ.
މިއުވާން އިތުރަށް ވިދާޅުވީ ސިޔާސީ މަގާމުތަކުން ބޭފުޅުން ވަކި ކުރިޔަސް، ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރެއް ނެތް ކަމަށާއި އެ ސިވިލް ސާވަންޓުންނަށް ފިޔަވަޅު އަޅަނީ އެގްރީމަންޓާ ހިލާފުވެ ނުވަތަ ކުށެއް ކުރުމުން އެކަނި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު