ވިސާ ހަމަނުޖެހުމުގެ ސަބަބުން އަލް ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުން މިއަދު ހެނދުނު އުމްރާއަށް ދާން ހަމަޖެހިފައިވާ އުމްރާވެރިންނަށް ނުފުރިގެން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަފާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދާން ތިބި އުމްރާވެރީން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2:00ގައެވެ. ނަމަވެސް އެ މީހުންނަށް ވިސާ ހަމަޖެހިފައިނުވުމުގެ ސަބަބުން ނުފުރޭނެކަން އެންގީ ރޭ ފަތިހު 5:51ގައެވެ.

މިކަމާ ގުޅިގެން އަލް ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީމް "ވަން" އަށް މިއަދު ވިދާޅުވީ، ސައުދީން ވިސާ ދޫކުރަނީ އެކި ކުންފުނިތަކުން ކަމަށާއި އެ ގުރޫޕަށް ވިސާ ދޫކުރާ ކުންފުނިން ވިސާ ހަމަޖެހޭނެ ކަމަށް ބުނުމުން ޓިކެޓު ނަގައި ހުރިހާ ކަމެއް ނިންމި ކަމަށެވެ. ނަމަވެސް ރޭ ފަތިހާ ހަމައަށް އެ ކުންފުނިން އެއްވެސް ވިސާއެއް ހަމަޖައްސާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"އިއްޔެ ނޫން ކުރިން ދުވަހު އެ ކުންފުނިން (ސައުދީގެ ކުންފުނިން) ބުނީ ފުރަން ވާއިރަށް ވިސާ ކަންކަން ހަމަޖެހޭނެޔޭ. ދެން އަޅުގަނޑު ބުނެފިން އިއްޔެ ހެނދުނު 10:00 ޖަހާއިރު ފޮށި ކިރަން ދާންޖެހެެޔޭ. ވިސާއެއް ނެތި ފޮއްޓެއް ނުކިރޭނެޔޭ. ބުނީމަ ބުނީ އިއްޔެ ހެނދުނު ވާންވާއިރަށް ވިސާ ހަމަޖެހޭނެޔޭ. އިއްޔެ ހެނދުނު ގުޅީމަ ބުނީ މިހާރު ސައިޓުން ފެންނާނެޔޭ. އެކަމަކު ރެޔާ ހަމައަށްވެސް ނުފެނުނު. ދެން ރޭ 12:00 ޖަހާ ބޮޑުވި ފަހުން ބުނީ ތިމަންނަމެންގެ ސިސްޓަމަށް މައްސަލައެއް ދިމާވެގެން ނުފޮނުވުނީއޭ. މައްސަލަ ހައްލުކޮށްގެން ފޮނުވަދޭނަމޭ." އޭނާ ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އެހެން ކުންފުންޏަކާ ހަވާލުކޮށްގެން މިހާރު ވިސާ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ފްލައިޓުތަކުން ހުރިހާ އުމްރާވެރީންނަށް ޖާގަ ނުލިބޭ ކަމަށެވެ.

ސަފާ ގުރޫޕުގެ ހަވާލުގައި މިއަދު އުމްރާއަށް ފުރަން ހަމަޖެހިފައި އޮތީ 181 މީހުންނެވެ.