ރާއްޖޭގައި މިމަހު ބާއްވަން ތާވަލު ކޮށްފައިވާ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް "މޯލްޑިވްސް އޯޕަން 2023"، 10 ބޯލް އޭޝިއަން ޓުއާ ރޭ ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މުބާރާތް މިމަހު 22 އިން 26 އަށް ރާއްޖޭގައި ބާއްވަން އިއުލާނު ކޮށްފައިވާ އިރު، މި މުބާރާތުގައި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބިލިއާޑް ކުޅުންތެރިންނާ ވާދަކުރާނެއެވެ. އެކަމުގެ ސަބަބުން މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ވަނީ ބުނެފައެވެ.

މޯލްޑިވްސް އޯޕަން މުބާރާތުގެ މައުލޫމާތު ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބިލިއާޑް އެސޯސިއޭޝަންގެ ރައީސް އަހުމަދު ނާސިފު ވިދާޅުވީ ކޮވިޑް-19ގެ ހާލަތުން އަރައިގަނެ، 2020 ފަހުކޮޅުގައި މާލޭގައި ގާއިމްކުރި މަތީ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ހުޅުވިގެންދިޔަ އިރުވެސް އިންޓަނޭޝަނަލް މުބާރާތަށް ޓާގެޓް ކުރުމަކީ ރާއްޖޭގެ ބިލިއާޑަށް ތަސައްވަރެއް އޮތް ކަން ދޭހަކޮށްދޭ ކަމެއް ކަމަށާއި މުބާރާތް ވެގެންދާނީ ދިވެހި ކުޅުންތެރިންނަށް ހާއްސަ މުބާރާތަކަށް ކަމަށެވެ.

"ރާއްޖޭގައި ބާއްވާ އިވެންޓަކީ، ވޯލްޑް ޕޫލް އެސޯސިއޭޝަންގެ ރޭންކިން އިވެންޓެއް. ދެން، ރީޖަނަލް ގަވަނިން ބޮޑީ އަކަށްވާ އޭސީބީއެސްގެ ވެސް ރޭންކިން އިވެންޓެއް. އެ ދެބައިގެ ރޭންކިން ޕޮއިންޓް ލިބޭއިރު، މިއީ އޭޝިއަން ޓުއާގެ ފުރަތަމަ ފިޔަވަހި، އެއީ ވެސް ރާއްޖެ އަށް ލިބިގެންދާ ފަހުރުވެރިކަމެއް،" ނާސިފް ވިދާޅުވިއެވެ.

މޯލްޑިވްސް އޯޕަން 2023 އަށް ޕޫލް ބިލިއާޑުން ވަނީ ހާއްސަ ރޭންކިން ކޮލިފިކޭޝަނެއް ވެސް ކުޅެފައެވެ. މުބާރާތުގައި ޖުމްލަ 64 ކުޅުންތެރިން ވާދަކުރާ އިރު، އޭގެއިން 16 ކުޅުންތެރިންނަކީ ދިވެހި ކުޅުންތެރިންނެވެ.

ރޭގެ އިވެންޓްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާ ވާދަކޮށްލަން ދިވެހި ކުޅުންތެރިންނަށް ލިބުނު ފުރުސަތަކީ ބުރަ މަސައްކަތުން ހޯދުނު ފުރުސަތެއް ކަމަށާއި މުބާރާތުން ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު އެކްސްޕޯޝާއެއް ލިބޭނެ ކަމަށެވެ.

ރޭގެ އިވެންޓްގައި ބައިވެރިވި ގައުމީ ބިލިއާޑް ޓީމުގެ ކުޅުންތެރިޔާ އިސްމާއިލް ސުވައިދު ބުނީ މި ފަދަ ފުރުސަތެއް ފަހިކޮށްދިނީތީވެ، ބިލިއާޑްގެ އެކްސްކޯ ޓީމަށާއި ސަރުކާރަށް ކުޅުންތެރިންގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފައި، މިހާރު މި ލިބިފައި ހުރި ގައުމީ ޓީމުގެ ކޯޗާ އެކީގައި މަސައްކަތްކޮށްގެން، ރާއްޖެ އަށް ރީތި ނަން ހޯދައިދިނުމަށް ކުރެވުނު މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ސުވައިދު ވަނީ ބުނެފައެވެ.

ސުވައިދުގެ އިތުރުން ރޭގެ އިވެންޓްގައި ކުޅުންތެރިންގެ ފަރާތުން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ މޮޅު ޕޫލް ބިލިއާޑް ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ޝަރީފް (ޝަރީ) ވަނީ ބައިވެރިވެފައެވެ. ޝަރީ ބުނީ މީގެ ކުރިން ކުދި ކުޅިވަރުތައް ބާކީކޮށް އޮތުން ނައްތާލައި، ކުދި ކުޅިވަަރުތަކާއި ބޮޑެތި ކުޅިވަރުތައް އެއް ހަމައިން ތަރައްގީކޮށް ފުރުސަތު ދޭން ގެންގުޅުނު މި ސިޔާސަތުގެ ތެރެއިން މިހާތަނަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.