ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލޭން ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް ހައުސިން މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް މާލެ ސަރަހައްދުން ގޯތި ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ، ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އެކަމަށް އެކުލަވާލި ކޮމިޓީން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުމުން އެކަން ކޮމިޓީން ރިޕޯޓް ކުރާނެ ކަމަށެވެ.

"އެބޭފުޅުން (ކޮމިޓީން) މަސައްކަތް ނިންމައި އަޅުގަނޑާ ހަމައަށް ރިޕޯޓް ކުރެވޭވަރުވާނީ މެއިގެ ނިޔަލަށް ޖޫންމަހުގެ ކުރީކޮޅު،" އަސްލަމް ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް މި ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮޖެކްޓްގެ ދަށުން 5000 ގޯއްޗާއި 4000 ފުލެޓަށް ދޫކުރާނެއެވެ.

ގޯއްޗަށް އެދި 15،164 މީހުން ކުރިމަތިލާފައިވާ އިރު، ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުން ކުރިމަތިލާފައިވެއެވެ.